ރ. އަތޮޅުގެ 11 ރަށަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ހަމައެއާ އެކު މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ހިދުމަތްތައް އިފުތިތާހުކޮށްދެއްވައިފައިވެއެވެ. އަދި ބައެއް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވައި އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރައީސް ވަނީ ފައްޓަވައިދެއްވައިފައެވެ.
މި ދަތުރުފުޅުގައި އެގާރަ ރަށަކަށް ރައީސް ވަޑައިގެންފައިވާ އިރު، އެ ރަށް ތަކަކީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ.
ރައީސް ރ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު