ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގްބާލެވެ.

ފުލުހުން ރޭ ބުނެފައިވަނީ އިގްބާލް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ 8:48 އެހާކަންހާއިރު ކަމަށާއި އޭނާ ކަނޑުމައްޗަށް ނުކުމެފައިވަނީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އިގްބާލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އިގްބާލް ފެނިފައިވަނީ މިއަދު ހެނދުނު 6:53 އެހާކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީ އޮންނަ ބޮއެއް ކައިރިން ކަމަށާއި އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން ބުންޏެވެ.

އިގްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.