ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑު 2 ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މިހާރުވެސް ވިޔަފާރިއާއި އިޖުތިމާއީ އެކި ހަރަކާތްތަކަށް ބޭނުންކުރަމުން އަންނަ އެ ސަރަހައްދުގައި އޮތް ހުސްބިމުގައި މި މަޝްރޫއު ކުރިއަށްގެންދާނެއެވެ. އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި ގޭމިން އާކޭޑެއްގެ އިތުރުން، ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެފަދަ ގޮތަކަށް އެތަން ތަރައްގީކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އަދި ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން އޭރިއާއެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ އެ ސަރަހައްދުގެ ތިމާވެއްޓާއި، އަތިރިމަތީގެ އިތުރުން އެތަނުގައި މިހާރު ހުރި ގަސްތަކަށް ނޭދެވޭ އަސަރެއް ނުކުރާނެފަދަ ގޮތަކަށް ޑިޒައިން ކޮށްގެން ކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މި މަޝްރޫއުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ މީހުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރުމެވެ.

ރުއްގަނޑު 2 ސަރަހައްދަށް ގެންނަ މި ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކާއި، ޒުވާނުން އަދި ފަތުރުވެރިންނަށް އުފާވެރި އަމާން މާހައުލެއް ގާއިމުވެ، އިޖުތިމާއީ ގުޅުން ވަރުގަދަވާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ވެއްޓަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން މެދުކެނޑުމެއްނެތި އަންނަނީ މަސައްކަތް ކުރަމުންނެވެ.