ހުޅުމާލޭގައި ނަފުސާނީ ފަރުވާއަށް ހާއްސަ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫއަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރި ވެވޭނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ، GC01 ގެ ގްރޭޑް 1، 2، 3، 4، 5، 6 ނުވަތަ 7 އަށް ޝަރުތު ހަމަވާ ކޮންޓްރެކްޓަރުންނަށެވެ. ބޭރުގެ ފަރާތްތަކަށް މި ފުރުސަތު އޮންނާނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށްޓަކައި 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށްދާނީ ބަނޑޭރި ޕޭ މެދުވެރިކޮށް 23 ސެޕްޓެންބަރު 2026 އިން 20 އޮކްޓޫބަރު 2026 އަށެވެ. އަދި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 864,000 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، މީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 7 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މި މަސައްކަތަށް ބިޑު ހުށަހަޅަން ޖެހެނީ ސަރުކާރުގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 އެވެ.

މި ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަންނާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.