ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ސްވިމިން އިވެންޓްގައި މިރާލް އައިން ލަތީފް އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

މިރާލް ރެކޯޑު އާކޮށްފައި ވަނީ އަންހެން 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ތިންވަނަ ހީޓްގައި ވާދަކޮށްގެންނެވެ. އެ ހީޓްގެ އަށްވަނައިގައި މިރާލް ނިންމީ އެއް މިނެޓް، 22.06 ސިކުންތުންނެވެ.

މިރާލް މުގުރާލި ރެކޯޑަކީ 2025 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ހަމްނާ އަހުމަދު ހަދާފައި އޮތް ރެކޯޑެކެވެ. އެފަހަރު ހަމްނާ ރެކޯޑު ހަދާފައި އޮތީ އެއް މިނެޓް، 23.38 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަދު ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާ އިރު، ރާއްޖޭގެ މަލައިކާ ލިންޑާ އިމްރާން ވަނީ އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި ވާދަކޮށްފައެވެ. ހީޓް ތިނެއްގައި މަލައިކާ ވާދަކުރި އިރު، ޓައިމިންއަކީ އެއް މިނެޓް، 20.57 ސިކުންތެވެ.

އޭގެ އިތުރުން ރާއްޖޭގެ ލޫތު ހުސައިނާއި މުހައްމަދު ޝިހާމްގެ އިތުރުން މަލައިކާއާއި މިރާލް ވަނީ 100 މީޓަރު މިކްސް މެޑްލޭ ރިލޭގައި ވާދަކޮށްފައެވެ. ރޭސް ނިންމި ޓައިމިންއަކީ ހަތަރު މިނެޓް، 34.42 ސިކުންތެވެ.