ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅޭ ތަފްސީލީ ބައެއް މައުލޫމާތުތައް މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހިއްސާކުރައްވައިފިއެވެ.

މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ އެއްޗަކަށް ނޫން ކަމަށާއި ބަރޯސާވާނީ އޭގެ ބަދަލުގައި ދައުލަތަށް ލިބޭނެ އާމްދަނީއަށް ކަމަށެވެ.

އެގޮތުން ކޮންމެ ހޮޓަލެއްގައި މަޑުކުރުމުން، ކޮންމެ ކެއުމަކުން އަދި މި މަޝްރޫއުގެ ތެރޭގައި ހިންގާ ކޮންމެ ފިހާރައަކާއި ހިދުމަތަކުން ނެގޭ ޓީޖީއެސްޓީ ސަރުކާރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މައި ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓުގެ ހިއްސާ އަދި މުދާ ގަނެވިއްކުމުގެ ކޮންމެ މުއާމަލާތަކުން ހަތަރު ޕަސެންޓް ސަރުކާރަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވާތީ މިއީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މަޝްރޫއު ތަރައްގީ ކުރަމުން އަންނަ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.