ދުބާއީ އާއި ސިންގަޕޫރުން މިއަދު ފެންނަ ތަރައްގީއަކީ ސޮއިކުރާ ދުވަހު ލިބުނު ފައިސާއިން ވި ތަރައްގީއެއް ނޫން ކަމަށާއި އެ ތަރައްގީގެ އެއް ސަބަބަކީ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފެށުނު އިގްތިސޯދީ ހަރަކާތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު އަބޫދާބީގައެވެ. އެއީ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެެކެވެ.
އެ މަޝްރޫއާ ގުޅިގެން ކުރިމަތިވަމުންދާ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ އެއްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދައުލަތަށް ލިބޭނެ އާމްދަނީއަށެވެ. އެއީ
• ޑިވެލޮޕްމަންޓްގައި ހުންނަ ކޮންމެ ހޮޓަލެއްގައި ތިބުމުން، ކޮންމެ ކެއުމަކުން، ކޮންމެ ފިހާރައަކާއި ހިދުމަތެއްގައި ޓީޖީއެސްޓީ – ކޮންމެ ރިސޯޓަކުން ދައްކާ ޓެކްސްތައް، އެއްވެސް ލުޔެއް ނެތި.
• މާސްޓަ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ހިއްސާ
• ކޮންމެ ޕްރޮޕަޓީ ޓްރާންސެކްޝަނަކުން 4 ޕަސެންޓް
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ޒަމާނީ ސިޓީއެއް ބިނާކުރުމަށް ބޭނުންވާ ކެޕިޓަލް ލިބޭނެ ކަމަށާއި ދިވެހީންނަށް ރަނގަޅު ހިދުމަތްތަކާއި ފުރުސަތުތައް ފޯރުކޮށްދިނުމަށް ދައުލަތަށް ލިބޭ ޓެކްސްގް އާމްދަނީ ރަނގަޅުވެ ހަރުދަނާ ވާނެ ކަމަށެވެ.
އިގްތިސޯދު ސިންދަފާތު ނުކޮށް އަދި އާމްދަނީ އިތުރު ނުކުރާ ނަމަ މި ސަރުކާރަށް ވިޔަސް ނުވަތަ ފަހުން އަންނަ ސަރުކާރަކަށް ވިޔަސް، ދައުލަތުގެ ހަރަދުތައް ބަލަހައްޓައި ދަރަނި ކުޑަކުރުމަކީ ދަތިކަމަކަށް ވާނެ ކަމަށާއި ޒިންމާދާރު ސަރުކާރަކުން ކުރިއަށް އޮތް ޖީލަށްޓަކައި މި މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ދައުލަތަށް އިތުރު އާމްދަނީ، ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް އަދި ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ދުބާއީ އާއި ސިންގަޕޫރު މިއަދު އެ އޮތް ހިސާބަށް ދިޔައީ ސޮއިކުރާ ދުވަހު ނެގުނު ފައިސާއަކުން ނޫން. އެ ގައުމުތައް އެ ހިސާބަށް ދިޔައީ އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފެށުނު އިގްތިސޯދީ ހަރަކާތްތަކުގެ ސަބަބުން. އަހަރުން އަހަރަށް ވިޔަފާރި އާއި ޒިޔާރަތްކުރާ މީހުންނާއި ވިޔަފާރިތަކާއި ވަޒީފާތަކާއި އެ ހުރިހާ ކަމަކުން ނަގާ ޓެކްސްތަކުގެ ސަބަބުން. އެއީ އަޅުގަނޑުމެން ވާހަކަ ދައްކާފައިވާ މޮޑެލް: ދިގުމުއްދަތުގެ ދެމެހެއްޓެނިވި ގޮތެއްގައި އަދި އިގުތިސޯދީ އަދި އިޖުތިމާއީ ފައިދާ ކޮމްޕައުންޑް ވެގެންދާ މޮޑެލް،" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ޑައުންޓައުން ދުބާއީ، ބެލްގްރޭޑް ވޯޓަފްރޮންޓް އަދި ދުނިޔޭގެ ތިން ބައްރެއްގައި މަޝްރޫއުތައް ހިންގި އީގަލް ހިލްސް އާއި މުހައްމަދު އަލައްބާރަކީ މިކަން ކޮށްދިނުމުގެ ފުރިހަމަ ގާބިލުކަމާއި ތަޖުރިބާ ހުރި ބައެއްކަން ސާފުކޮށް ސާބިތުވާން އެބައޮތް ކަމަށެވެ. ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ނަން މަޝްހޫރު އެއް ޝަހުސިއްޔަތު ކަމަށްވާ އަލައްބާރު ވަނީ މިކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު