ރާއްޖޭގެ ކުންފުންޏަކަށް ދީފައިވާ ވިޔަފާރީގެ ނަމެއް މެލޭޝިއާ ކުންފުންޏެއްގެ ވިޔަފާރި ނަމަކާ އެއްގޮތްވާތީ މެލޭޝިއާގެ ކުންފުނިން ދިވެހި ދައުލަތާ ދެކޮޅަށް ދައުވާކޮށްފިއެވެ.

މި މައްސަލައިގައި ޖުޑިޝަލް ރިވިއުގެ ދައުވާއެއްގެ ގޮތިގައި ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް) އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ، މެލޭޝިއާގެ ކުންފުންޏެއް ކަަމަށްވާ އެންޒީ ވޯލްޑް ޓުއާސް އެންޑް ޓްރެވަލްސް ސިންދްރަމް ބަރްހާދް އިންނެވެ.

އެ ކުންފުނިން ދައުވާކުރީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމަށްވާ މައިއެންޒީ ޓްރިޕް ޕްރައިވެޓް ލިމިޓެޑްގެ ނަން މެލޭޝިއާގެ ކުންފުނިން ހިންގާ ވިޔަފާރިއެއް ކަމަށްވާ މައިއެންޒެޑްޓްރިޕް.ކޮމްގެ ނަމާ އެއްގޮތްވާތީއެވެ.

އެހެންކަމުން މެލޭޝިއާ ކުންފުނިން ކޯޓުގައި އެދިފައިވަނީ، ދިވެހި ކުންފުނީގެ ނަން ބަދަލުކުރުމަށް އެންގުމަށް މިނިސްޓްރީގެ މައްޗަށް ކޯޓުން އަމުރުކޮށްދިނުމަށެވެ.

ނަމަވެސް މައްސަލައަށް ޖަވާބުދާރީވަމުން މިނިސްޓްރީން ބުނެފައިވަނީ އެ ނަމާ އެއްފަދަ ނަމެއް ރާއްޖޭގައި ލޯކަލް ބިޒްނަސް ރަޖިސްޓްރީގައި ނެތް ކަމަށާއި އަދި އެ ނަމުގައި ކުރިން ރާއްޖޭގައި އެހެން ކުންފުންޏެއް ރަޖިސްޓްރީކޮށްފައި ވެސް ނެތް ކަމަށެވެ. އަދި އެ ނަމަކީ މަޝްހޫރު އެހެން ކުންފުންޏެއްގެ ނަމެއްގެ ގޮތުގައި ބޭނުން ކުރަމުންދިޔަ ނަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި މެލޭޝިއާ ކުންފުނިން ސަރުކާރާ ދެކޮޅަށް ދައުވާކުރުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމްގައިވަނީ ބޭރު ގައުމެއްގެ މަޝްހޫރު ވިޔަފާރީގެ ނަމެއް ރަޖިސްޓްރީކޮށްދީގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އެފަދަ ނަމެއް ރަޖިސްޓްރީ ނުކުރެވޭނެ އޮތީ ދެ ހާލަތެއް ކަމަށާއި އެއީ އެ ނަމަކީ ރާއްޖޭން ބޭރުގެ މަޝްހޫރު ނަމަކަށްވުން ނުވަތަ ރާއްޖޭން ބޭރުގެ މަޝްހޫރު ވިޔަފާރިއެއްގެ ނަމާ ގުޅުން ހުރުމުގެ ސަބަބުން އެއީ އެއް ނަމެއް ކަމަށް ގަބޫލުކުރެވިގެން އާންމުންނަށް އޮޅުން އަރާފަދަ ނަމަކަށްވާ ނަމަ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެކަން ކަމަށް ރިއާޔަތްކޮށް ކޯޓަށް ފަރުވާ ހޯދަން ހުށަހަޅާނަމަ، އެ ނަމަކީ ބޭރުގެ މަޝްހޫރު ވިޔަފާރިއެއްގެ ނަންކަން ނުވަތަ އެ ނަމުގެ ސަބަބުން އާންމުންނަށް އޮޅުން އަރާނެކަން ސާބިތުކުރަން ހެކި ހުށަހަޅަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ. ނަމަވެސް، ހުކުމްގައި ވަނީ މި މައްސަލައިގައި އެފަދަ ހެކިތަކެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އެހެންކަމުން، ގާޒީ ފައިސަލް އާދަމް ހުކުމްކުރެއްވީ ދިވެހި ކުންފުނީގެ ނަން ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް އަންގާނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.