ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ސްވިމިން އިވެންޓްގައި ވާދަކޮށް، މުހައްމަދު ރިހާން ޝިހާމް، އޭނާގެ ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އާކޮށްފިއެވެ.
ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނެނީ ހަތް ކުޅިވަރުގެ 42 އެތުލީޓުންނާއެކު 18 އޮފިޝަލުންނެވެ.
މިއަދު ކުރިއަށް ދިޔަ ސްވިމިން އިވެންޓްތަކުގައި ރާއްޖޭގެ ފެތުންތެރިން ވާދަކޮށްފައިވާ އިރު، 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ރިހާން ވާދަކުރީ ހީޓް އެކެއްގައެވެ. އޭނާ ވަނީ ފަސް މިނެޓް، 6.92 ސިކުންތުން ރޭސް ނިންމައިފައެވެ.
އެއީ ކުރިންވެސް ރިހާން އަތުގައި އޮތް ރެކޯޑެކެވެ. ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިޔަށްދިޔަ 23 ވަނަ ކޮމަންވެލްތް ގޭމްސްގައި ރިހާން އެ ރެކޯޑު ހަދާފައި އޮތީ ފަސް މިނެޓް، 9.68 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިހާން މިއަދުގެ ހީޓް ނިންމީ ދެވަނައިގައެވެ.
މިއަދު ކުރިއަށްދިޔަ އިވެންޓްތަކުގައި ރާއްޖޭގެ ފެތުންތެރިންގެ އިތުރު ނަތީޖާތަކަށް ބަލާ އިރު، މަލައިކާ ލިންޑާ ވަނީ 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ހީޓްގައި ވާދަކޮށް، ދެ މިނެޓް، 55.31 ސިކުންތުން ރޭސް ނިންމައިފައެވެ. އަދި މެރަލް އައިން ލަތީފް، 100 މީޓަރު ފްރީސްޓައިލް ހީޓްގައި ވާދަކޮށް، އެއް މިނެޓް، 4.37 ސިކުންތުން ރޭސް ނިންމާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
އޭޝިއަން ގޭމްސް
އޭޝިއަން ގޭމްސް
ކޮމެންޓް