ޔަމަނުގެ ހޫސީ ޖަމާއަތުން ސައޫދީ އަރަބިޔާގެ އެކި ތަންތަނަށް ޑްރޯނާއި ރޮކެޓުން ހަމަލަ ދެމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އެންމެ ފުރަތަމަ ސައޫދީ އަރަބިޔާގެ އެންމެ ހުޅަނގު ދެކުނު ބިތުން ޔަމަނާ ގާތުގައިވާ ތަންތަނަށެވެ. ޚަމީސް މުޝައިތާއި އަބުހާ، ޖީޒާން އަދި ނަޖްރާނަށެވެ. އެއަށްފަހު ސައޫދީ އަރަބިޔާގެ ހުޅަނގު ބިތުން ޖިއްދާޔާއި ތާއިފަށެވެ. މީގެއިތުރުން މައްކާޔާއި މަދީނާ ހިމެނޭ އޭރިޔާތަކަށެވެ. ހޫސީންގެ ހަމަލާތައް މައިގަޑު ގޮތެއްގައި އަމާޒުކުރަނީ ހަކަތައިގެ މަރުކަޒުތަކަށާއި އަސްކަރީ މަރުކަޒުތަކަށެވެ. އެގޮތުން މިސައިލާއި ޑްރޯން އެންމެ ގިނައިން ފޮނުވާލި އެއްތަނަކީ ޚަމީސް މުޝައިތުގައިވާ ކިންގް ޚާލިދު އެއަރ ބޭހަށެވެ. ޖިއްދާގައިވާ ތަންތަނުގެ ތެރެއިން ހަމަލަދީފައިވަނީ ތެޔޮރައްކާކުރާ ތަންތަނަށެވެ. ސައޫދީ އަރަބިޔާގެ އިރުމަތިން ހުޅަނގު ބިތުގެ އައްސޭރިއަށް އަޅާފައިވާ ތެޔޮހޮޅިއަށް ވެސް ހަމަލަދީ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

ކުރުގޮތަކަށް ދަންވަންޏާ ސައޫދީ އަރަބިޔާ އެއޮތީ ހޫސީންގެ ހަމަލަތަކެއްގެ ދަށުގައެވެ. ހަގުރާމައިގެ ހާލަތުގައެވެ. މިހިސާބަށް ދިޔައިރުވެސް މައްކާ މުއާހަދާއަށް އަމަލުކުރާ ތަނެއް ނުފެނެއެވެ. މައްކާ މުއާހަދާއަކީ ކޮބައިބާވައެވެ. މައްކާ މުއާހަދާގެ ނަމުން މަޝްހޫރުވެފައިވަނީ އިސްލާމީ ތިން ގައުމެއްގެ މެދުގައި ގާއިމުކޮށްފައިވާ ދިފާއީ މުއާހަދާއެކެވެ. މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓެވެ. ބައިވެރިންނަކީ ސައޫދީ އަރަބިޔާ، ތުރުކީވިލާތް އަދި ޕާކިސްތާނެވެ. ސައޫދީ އަރަބިޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނާއި ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒު ޝަރީފު މައްކާގައި މި މުއާހަދާގައި ސޮއިކުރެެއްވީ ހުސްވި އޮގަސްޓް މަހުގެ ހަތެެއްވީ ހުކުރު ދުވަހުއެވެ. މި މުއާހަދާގައި ބަޔާންވެފައިވާ ގޮތުން މި ތިން ގައުމުންކުރެ ގައުމަކަށް ބޭރުން ހަމަލައެއް އަމާޒުވެއްޖެނަމަ އެއީ އަނެއް ދެގައުމަށްވެސް އަމާޒުވި ހަމަލައެއް ކަމަށް ބަލައިގެން ތިން ގައުމު ގުޅިގެން ރައްދުދޭނެއެވެ.

މިއީ ނޭޓޯ މުއާހަދާގެ ފަސްވަނަ މާއްދާޔާ މުޅިން އެއްގޮތް މާއްދާއެކެވެ. ކޮންމެއަކަސް ކުރިއަށްމިދާ ސެޕްޓެމްބަރު މަހުން ފެށިގެން ޔަމަނުގެ ހޫސީން ހޭވައްޓާލައިގެން ތިބެ ކުރާ ކަމަކީ ފުލުފުލުގައި ސައޫދީ އަރަބިޔާއަށް ހަމަލަދިނުމެވެ. މި ހަމަލާތަކުގެ ރައްދުގައި ސައޫދީ އަރަބިޔާއިންވެސް ހޫސީންގެ ބާރުދަށުގައިވާ ތަންތަނަށް ބޮންއެޅުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަގެންދެއެވެ. އެކަމަކު ކުރިން ބަޔާންކުރި މައްކާ މުއާހަދާ އެކްޓިވޭޓެއް ނުކުރެއެވެ. އެ މުއާހަދާގައި ލާޒިމުކުރާ ގޮތަށް ތިން ގައުމު ގުޅިގެން ރައްދު ދޭތަނެއް ނުފެނެއެވެ. ފެންނަނީ ސައޫދީ އަރަބިޔާ އެކަނި ރައްދުދޭ މަންޒަރެވެ. މިހިސާބުން އުފެދޭ ސުވާލަކީ ސައޫދީ އަރަބިޔާއަށް އަމާޒުވާ ހަމަލައަކީ ޕާކިސްތާނާއި ތުރުކީވިލާތަށްވެސް އަމާޒުވާ ހަމަލައެއް ކަމަށް ބަލައިގެން ތިން ގައުމު ގުޅިގެން ރައްދުދޭން ނުފަށައިގެން އުޅެނީ ކީއްވެގެން ބާވައެވެ. އެހެން އިބާރާތަކުން ދަންނަވަންޏާ މައްކާ މުއާހަދާ އެކްޓިވޭޓް ނުކޮށްގެން އުޅެނީ ކީއްވެގެން ބާވައެވެ.

މައްކާ މުއާހަދާ އެކްޓިވޭޓް ނުވުމުގެ މައިގަޑު ތިން ހަތަރު ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ ޕާކިސްތާނާއި ތުރުކީވިލާތުގެ ގާނޫނުހަދާ މަޖިލީހުން މި މުއާހަދާ އަދި ފާސްކޮށްފައި ނެތުމެވެ. މި މުއާހަދާއަށް ރުހޭ ވޯޓު ދީފައި ނެތުމެވެ. އެ މަސައްކަތް ޕާކިސްތާނުގައި މިވަގުތު ކުރިއަށް އެބަދެއެވެ. އެކަމަކު މުޅިއަކުން ނުނިމެއެވެ. ތުރުކީވިލާތުގައި މިމަސައްކަތް އަދިނުވެސް ފަށައެވެ. ގާނޫނީ ބާރުލިބޭނީ އެ ދެގައުމުގެ ޕާލަމެންޓުން ފާސްކުރުމުންނެވެ. އެކަންކަން ނުކުރެވެންޏާ މި މުއާހަދާގެ ގާނޫނީ ހައިސިއްޔަތެއް، ބާރެއް ނެތެވެ. އަނެއް ސަބަބަކީ ތިން ގައުމުގެ އަސްކަރިއްޔާ ގުޅިގެން ކަންކަން ކުރާނޭގޮތުގެ ކޮމާންޑް އޮނިގަޑެއް އަދި ރޭވިފައި ނެތުމެވެ. ތިން ގައުމު ގުޅިގެން ކަންކަން ހިންގުމުގައި ތަބާވާނެ އުސޫލުތަކާއި ގަވާއިދުތަކެއް އަދި އެކަށައަޅައިފައެއްވެސް ނެތެވެ. އެއަށް ކިޔަނީ ރޫލްސް އޮފް އޮޕަރޭޝަނެވެ. އެޒާތުގެ އެއްޗެއް ނެތެވެ.

މައްކާ މުއާހަދާ އެކްޓިވޭޓް ކުރަން ސައޫދީ އަރަބިޔާއިން އެދިފައެއްވެސް ނުވެއެވެ. އެކަމަށް ސައޫދީ ސަރުކާރުން ރިކުއެސްޓް ކޮށްފައި ނެތުމަކީވެސް މުއާހަދާ އެކްޓިވޭޓް ނުކުރުމުގެ ސަބަބެކެވެ. ސައޫދީ އަރަބިޔާއިން މަސައްކަތް ކުރަމުންދަނީ ޑިޕްލޮމަސީގެ އެކި ޗެނަލްތަކުގެ ތެރެއިން ހަގުރާމަޔަށް ނިމުން ގެނެވޭނެ ގޮތެއް ހޯދުމަށެވެ. ވީހާވެސް ގިނަބަޔަކު ބައިވެރިކޮށްގެން ހަގުރާމަ ފުޅާކުރުމުގެ ނިޔަތާއި ވިސްނުން ގެންގުޅޭތަނެއް އަދި ނުފެނެއެވެ. ސައޫދީ އަރަބިޔާއަށް ހަމަލަދެނީ ހަގުރާމަވެރި ޖަމާއަތަކުންނެވެ. އެއީ ދައުލަތަކުން ކުރާ ކަމެއް ނޫނެވެ. ޔަމަނުގެ ބައެއް ސަރަހައްދުތަކުގައި ހޫސީން ހިންގާ ވެރިކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލެއްވެސް ނުކުރެއެވެ. ހޫސީންނާ އެންމެ އެކުވެރި ދައުލަތަކީ އީރާނެވެ. ޚުދު އީރާނުންވެސް ހޫސީންގެ ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ޔަމަނުގެ ގާނޫނީ ސަރުކާރު ކަމަށް ގަބޫލުކުރަނީ އަދަނުގައި ގާއިމުވެފައި އޮންނަ ސަރުކާރެވެ.

އެހެންވީމާ ސައޫދީ އަރަބިޔާއަށް ހަމަލަދެމުން އެގެންދަނީ ދައުލަތަކުން ނޫނެވެ. ގިނަބައެއްގެ ނަޒަރުގައި ހަގުރާމަވެރި ޣައިރުގާނޫނީ ޖަމާއަތަކުންނެވެ. މިކަން މިހެންއޮތީމާ ހޫސީންގެ ހަމަލާތަކުގެ ރައްދުގައި އެޖަމާއަތާ ދެކޮޅަށް އެހެން ދެ ގައުމެއް މި ހަގުރާމަޔަށް ނެރުމަކީ ސައޫދީން ބޭނުންވާ ގޮތެއް ނޫނެވެ. އަދި ހަމަލާތަކުގެ ގޮތާއި ބާވަތަށް ބަލައިފައި މިކަމުގެ ތެރެއަށް ވަނުމަކީ ޕާކިސްތާނާއި ތުރުކީވިލާތްވެސް ބޭނުންވާ ގޮތެއް ކަމުގައި ނުފެނެއެވެ. ހޫސީންނަށް އީރާނުގެ މަދަދު ލިބޭކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. އެކަމަކު ހޫސީންނަށް ވާގިވެރިވުމަށް އީރާނުގެ ފައުޖުތަކެއް ހަގުރާމައިގައި ބައިވެރިއެއް ނުވެއެވެ. އެކަން ބަދަލުވެ ހޫސީންނާ ބައިވެރިވެގެން އީރާނުން ސައޫދީއަރަބިޔާއަށް ހަމަލަދޭން ފަށަައިފިނަމަ މަންޒަރުވެސް ބަދަލުވާނެއެވެ. އެހިސާބުން މައްކާ މުއާހަދާވެސް އެކްޓިވޭޓް ކުރަން މަޖުބޫރުވާނެއެވެ. އެކަމަކު އެހިސާބަށް ޔަމަނުގެ ހަގުރާމަ ފުޅާވުމަކީ ވަރަށްވެސް ދުރުކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.