ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ، ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި އަބޫދާބީގެ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއުގެ އިތުރުން ރައްޔިތުންނަށް ސީދާ ގޮތުން ފައިދާކުރާނެ ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށެވެ.

"އެ ޕްރޮޖެކްޓް ފުރަތަމަ ލޯންޗު ކުރެވިގެންދާއިރުގަ، ފުރަތަމަ ދެއްވާ ކޮމިޓްމެންޓެއްގެ ގޮތުގައި އަޅުގަނޑު މި ދެންނެވި 500 މިލިއަން ޑޮލަރުގެ ހައުސިން 5،000 ހައުސިން ޔުނިޓް ޑިވެލޮޕްކޮށްދެއްވާނެ އެ ބޭފުޅުންގެ ފައިނޭންސިންގަ" ޒަރީރު ވިދާޅުވިއެވެ.

އެ ހައުސިން ޔުނިޓްތައް ބިނާކުރުމަށް ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މުޅި ޖީޑީޕީއަކީ 7.7 ބިލިއަން ޑޮލަރުކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، މިއީ ރާއްޖޭގެ ޖީޑީޕީއަށްވުރެ ތިންގުނަ ބޮޑު ބިޔަ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އެ ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ މަންޒަރު މުޅިން ބަދަލުވެ، ގައުމުގެ އިގްތިސޯދަށް އިންގިލާބީ ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ޒަރީރު ވިދާޅުވިއެވެ.