އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މާލޭގެ ޓްރެފިކް ބެލެހެއްޓުން ޑިޖިޓަލައިޒް ކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި ދިރިއުޅުމުގެ ފަސޭހަ މާހައުލެއް ގާއިމުކުރުމާއި އާންމު ހިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް. ކަމަށެވެ.

"ހާއްސަކޮށް، ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، "ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން" އަންނަ އަހަރު ތަންފީޒު ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްލޭންގެ މަގުސަދަކީ ތޮއްޖެހުން ކުޑަކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަކަމާ އެކު އުޅެވޭނެ ވެއްޓެއް ގާއިމު ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ ޓްރެފިކް ނިޒާމު ޒަމާނީ ފެންވަރަށް ބެލެހެއްޓުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން، ޓްރެފިކް ބެލެހެއްޓުން ޑިޖިޓަލައިޒްކޮށް، މިހާރަށްވުރެ ކާމިޔާބު ނިޒާމަކަށް ހެދުމަށްޓަކައި "ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމް" ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށްރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ރީޖަންތަކުގައި ހަދަމުން އަންނަ ފުލުހުންގެ މަރުކަޒުތަކުން ފެންވަރު ރަނގަޅު ހިދުމަތްތައް ދިނުމަށް ބޭނުންވާ ހިއުމަން ރިސޯސް އިތުރުކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.