އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް 750 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދައުލަތުގެ ބެޖެޓްގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، އަމިއްލަ ބިން އޮވެމެ، އެ ބިމުގައި ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ރައްޔިތުންތަކެއް ތިބިކަން އެއީ އަދުގެ ހަގީގަތް ކަމަށެވެ.

"މިގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި، އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި ދޫކުރުމަށް 750 މިލިއަން ރުފިޔާ ހިމަނާފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ގިނަ އާއިލާތަކެއްގެ އަމިއްލަ ބޯހިޔާވަހިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. ހަމަ އެއާއެކު ރަށްރަށުގައިވާ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި ވެއްޓަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ފާގަތި ގައުމެއް ބިނާކުރުމަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމަށްޓަކައި، ކޮންމެ ކުއްޖަކަށްމެ ފެންވަރު ރަނގަޅު ތައުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މި މަގުސަދު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، މި ބަޖެޓުގައި ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މީގެ ތެރޭގައި ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އެޅުމުގެ އިތުރުން، ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.