ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އިޖުތިމާއީ ތަރައްގީ އާއި ދީނީ ރިވެތި އަހުލާގީ ނިޒާމެއް ދެމެހެއްޓުމަކީ، މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
"މި ގޮތުން، އެ ފަރާތްތަކަށް މަގުތަކާއި ސްކޫލުތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި އިންކްލޫސިވް އަދި އެކްސެސިބަލް ކުރުމަށް ހާއްސަ އިސްކަމެއް ބަޖެޓުގައި ދީފައިވާނެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އުފައްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ އެ ފަރާތްތަކަށް އިޖުތިމާއީ ގޮތުން ބާރުވެރިކަން ލިބި، އިގުތިސޯދީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން މުޖުތަމައުގައި ހަމަހަމަކަން ގާއިމުކޮށް، ސިޔާސަތުތައް ތަންފީޒުކުރުމުގައި ޖެންޑާ އީކުއަލިޓީއަށް ދެވޭ އިސްކަން އިތުރުކޮށް، އެކަން މޮނިޓާކުރުމުގެ ބޭނުމުގައި، މިންތިތަކަށް ކުރާ ހަރަދު ދެނެގަނެވޭނެ ގޮތަށް، ޖެންޑާ އީކުއާލިޓީ އެންޑް ސޯޝަލް އިންކްލޫޝަން، ނުވަތަ "ޖެސީ" ބަޖެޓު އަންނަ އަހަރު ތަރުތީބުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ،
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް