ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

މިއީ ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، އޮގަސްޓު 11 ވަނަ ދުވަހު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހެވަން / ކ. މާފުށި، މުހައްމަދު ޝާބިން ޝުޖާއު (18އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ސްޓާރލައިން / ކ. މާފުށި، އަބްދުﷲ ނިހާދު (30އ) އާއި ގްރީންޕާރކް / ކ. މާފުށި، އިބްރާހީމް ސުނީޒް (41އ) އާއި ވާރޭވިލާ / ކ. މާފުށި، އަހްމަދު އަހުނަފް އަސްފާގު (24އ) އާއި ފާއިޒާމަންޒިލް / ކ. މާފުށި، ހަސަން ނަބީލު (32އ) އަދި ގްރީންޕާރކް / ކ. މާފުށި، މުހައްމަދު ޝައިހާން (21އ) އެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.

އެ މީހުންގެ ތެރެއިން އަބްދުﷲ ނިހާދު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އިބްރާހީމް ސުނީޒް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އަހްމަދު އަހުނަފް އަސްފާގު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މުހައްމަދު ޝައިހާން ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ހަސަން ނަބީލު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.