މަސްތުވާތަކެތީގެ މައްސަލައެއްގައި ދ. ކުޑަހުވަދޫން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފްތަރު. ނަންބަރު ދރ 1384 / މާލެ، ޒުލްކިފްލި ރަޝާދު އާދަމް (20އ) އާއި ފްރެންޑްލީ / ދ. ކުޑަހުވަދޫ، ނިހާލް ނަސީމް (30އ) އަދި މާވެޔޮ / ދ. ކުޑަހުވަދޫ، އަބްދުލްގައްޔޫމް އަބްދުއްސައްތާރު (44އ) އެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުބަހު ފުލުހުން ހިންގި އޮޕަރޭޝަންގައެވެ. ކުޑަހުވަދޫ ހޮޓަލެއްގެ ތެރޭގައި ތިއްބައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަޔާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނި ތަހުގީގުކުރަމުންނެވެ