ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭނާ ގުޅުވައިގެން، ފުލުހުންނަށް ދޭ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރޭގައި އިހުތިރާމާ ބެހޭ ވަކި މޮޑިއުލެއް ހިމެނުމަށް ނިންމަވާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު މިއަދު އިއުލާނުކުރައްވައިފިއެވެ.

ލ. ހިތަދޫގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ސީޕީ ވިދާޅުވި ގޮތުގައި، ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީނު ކޯހުގެ އިތުރުން، ހާއްސަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި ވެސް މި މޮޑިއުލް ކިޔަވައިދެވޭނެއެވެ.

މި ބަދަލުގެ ސަބަބުން ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް އާލާކުރެވި، ފަންނީ މިންގަނޑުތައް ދެމެހެއްޓުމާއެކު އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގެ ސިފަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މި ނިންމެވުން ނިންމަވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް އިއްޔެ ވަނީ އިފްތިތާހުކޮށްފައެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ މަޝްރޫއު، މާފަންނު ޓްރެކް ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ރައީސެވެ.

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.