މިއަހަރު ކުރިއަށްދާ ދިރާގު ދިވެހި ލީގަކީ ފެންވަރު ރަނގަޅުވަމުން އަންނަ ލީގެއް ކަމަށާއި، އޭގެ ސަބަބުން ފައިދާތައް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރުބާނީ ބުނެފިއެވެ.
އުރުބާނީ އެހެން ބުނީ ރާއްޖޭން ކުޅެން ތައްޔާރުވެފައިވާ އެކުވެރިކަމުގެ މެޗުތަކާ ގުޅޭ ގޮތުން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުންނެވެ.
މިއަހަރުގެ ދިވެހި ޕްރިމިއާ ލީގަކީ އެފްއޭއެމްއާ މިހާރުގެ އެކްސްކޯ ހަވާލުވެ، ގެނައި ބަދަލުގެ ފަހުން ކުޅެމުން އަންނަ ފުރަތަމަ ލީގެވެ. މިހާރު ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އަތޮޅު ތެރޭގެ ޓީމުތަކަށްވެސް ޕްރިމިއާ ލީގަށް އާދެވޭ ގޮތަށް އޮންނަ އިރު، މިފަހަރުގެ ލީގުގައި ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދުއާއި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫވެސް އަންނަނީ ވާދަކުރަމުންނެވެ. އެ ދެރަށުގެ މެޗުތައް ކުޅެމުން އަންނަނީ އަތޮޅު ތެރޭގައެވެ.
"މިދިޔަ ސީޒަނުން ފެށިގެންވެސް އަތޮޅު ތެރޭގެ ޓީމުތަކަށް މި އަންނަނީ ބަލަމުން. އެ ވާހަކަ ދައްކާއިރު ދިވެހި ލީގު މިދަނީ ވަރުގަދަވަމުންކަން ފާހަގަކުރަން ޖެހޭ. އެކަމުގައި ސުވާލެއްވެސް ނެތް. އެހެންވީމަ އެއީ އުފާކުރަން ޖެހޭ ކަމެއް. ރަށްރަށުގައި މެޗުތައް ކުޅުމަކީވެސް އުފާކުރަން ޖެހޭ ކަމެއް. އެ ޓީމުތަކުންވެސް ފާހަގަވާ ނަންތަކެއް އެބަހުރި. އަތޮޅު ތެރޭގެ ދެޓީމުގެ ކުޅުންވެސް ރަނގަޅު. ހާއްސަކޮށް ދިއްދޫއަށް ކޮންމެ ޓީމަކާވެސް ވާދަކޮށްލެވޭތަން ފެނިއްޖެ. އެހެންނަމަވެސް ފުރަތަމަ ސީޒަން ކަމަށްވުމާއެކު އެ ޓީމުތަކަށްވެސް ޗެލެންޖްތަކެއް ހުންނާނެ،"
އުރުބާނީ ބުނީ މިފަހަރު ސްކޮޑުގައި އަތޮޅު ތެރޭގެ ޓީމަކުން ކުޅުންތެރިޔަކު ނެތް ނަމަވެސް، މިހާރު ކުޅެމުން އަންނަ ފޯމެޓުން އަތޮޅު ތެރޭގެ ހުނަރުވެރި ކުޅުންތެރިން ހޯދަން ފަސޭހަ ވާނެ ކަމަށެވެ. އަދި އެކަމަށް ކުރަން އޮތް މަސައްކަތް ބޮޑު ނަމަވެސް، މިހާރު ރަނގަޅު ސިސްޓަމެއް އެކަމުގައި ގާއިމުވެފައިވާ ކަމަށް އުރުބާނީ ފާހަގަކުރިއެވެ.
ރާއްޖޭގެ ލީގަށް އައި ބަދަލާއެކު މިހާތަނަށް ލީގުން ތަފާތުތަކެއް ފެނިފައިވާ އިރު، މިއަހަރުވެސް އެފްއޭއެމްއިން ވަނީ އަތޮޅު ޗެމްޕިއަންޝިޕަށް ފުރުސަތު ހުޅުވާލައިފައެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް