ލ. ގަމުގައި އޮތް ރޭސިން މުބާރާތެއްގައި ސައިކަލް ދުއްވަމުން ދިޔަ ޒުވާނަކު ސައިކަލާއެކު މޫދަށް ވެއްޓުމުން ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދޭން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10 ޖަހަނިކޮށް ކަމަށެވެ.

ގަމުގައި އިއްޔެ "ރާސް ޗެމްޕިއަންޝިޕް، ލާމު އެޑިޝަން"ގެ ތެރޭގައި ދިމާވި ހާދިސާގައި އަނިޔާވީ އުމުރުން 20 އަހަރުގެ ޒުވާނަކަށެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާއަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ވިދާޅެއް ނުވެއެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސައިކަލު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ