ސަރަހައްދީ ސަލާމަތަށްޓަކައި ރާއްޖޭގެ ދިފާއީ ގާބިލުކަން އިތުރުކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވިލާ ނޯޓިކާގައި ބޭއްވި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް، ސީއެސްސީގެ އަށްވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ވެރިކަމުގައި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ޒަމާނީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުގެ ދިފާއަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އިންޑިއާ ކަނޑަކީ ރާއްޖޭގެ އިގުތިސޯދީ މައިނާރާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިންގާ ކަމަށެވެ. އަދި އަމިއްލަ ސަރަހައްދުގެ ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ފަދަ ގާބިލުކަން ގައުމެއްގައި ހުރުމަކީ މުޅި ސަރަހައްދުގެ އަމާންކަމާއި ސަލާމަތަށް އެޅޭ ބާރަކަށް ވާނެ ކަމަށްވެސް މިނިސްޓަރރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން އިންޑިއާ ކަނޑާ މެދު ދެކޭ ތަސައްވުރަކީ، މި ސަރަހައްދަކީ ހުރިހާ ގައުމުތަކަކަށް ވެސް އަމާން، ހަމަޖެހޭ އަދި ހުޅުވާލެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ދެމި އޮތުން. އަދި ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލާންވާނީ އެންމެން ހަމަހަމަ ބައިވެރިންގެ ގޮތުގައި ތިބެ، އިހުތިރާމާއި އިތުބާރާ އެކު އެއްބާރުލުން ދީގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމާއި މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި އަދި ޓެރަރިޒަމް ފަދަ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކަކީ ގައުމުތަކުގެ ސަލާމަތަށް ހުރި ބޮޑެތި ނުރައްކާތައްކެއް ކަމަށެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކަކީ ދުރުގައި އޮތް ބިރެއް ނޫން ކަމަށާއި އެއީ އަބަދުވެސް ކުރިމަތިވަމުން އަންނަ ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ދިފާއީ ގާނޫނު ތަންފީޒުކުރާ އަދި ކާރިސާތަކަށް އިޖާބަދޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރާ ވަށާޖެހޭ ނިޒާމެއް ރާއްޖޭގައި ހަރުދަނާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.