ސިޓިން ރޫމެއްގައި ދައްކާލާ ވާހަކައަކުން އިގުތިސާދީ މާހިރަކަށް ނުވާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހަގީގީ އިގުތިސާދީ މާހިރެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން އަބްދުއްރަހީމް އެހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން ތިން މަސް ދުވަހުގެ ތެރޭގައި ގައުމު ބަނގުރޫޓުވެ، ވެރިކަން ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ. ނަމަވެސް އެކަން އެހެން ނުވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން އެއްފަހަރާ 900 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، އަދި އިތުރު 50 މިލިއަން ޑޮލަރު ދާދި ފަހުން ދައްކާފައިވާ ކަމަށެވެ. މި ދަރަނިތަކުން ރާއްޖެ ސަލާމަތްކޮށްދެއްވީ ރައީސް މުއިއްޒު ކަމަށް ވިދާޅުވިއެވެ.

ގޭގެ ސިޓިން ރޫމުގައި ހަމަޖެހިލައިގެން ތިބެ، އެހެން މީހުންނަށް ފާޑުކިޔާ މީހުންނަކީ އިގުތިސާދީ މާހިރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިގުތިސާދީ މާހިރުންނަކީ ހަމައެކަނި ވާހަކަދައްކާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކުރާ މަސައްކަތުން އެހެން މީހުންނަށް ގަބޫލުކުރެވޭ ފަދަ ނަތީޖާއެއް ނެރެދޭ މީހުން ކަމަށާއި، އިގުތިސާދީ ވިސްނުމާއި ތަޖުރިބާގެ އަލީގައި ކަންކަން ކުރައްވާ ބޭފުޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ވާހަކަތަކަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ރައްދު ދޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ސަރުކާރުން ރައްދުދޭން ފަށައިފިނަމަ އެ ފަރާތްތަކަށް ޕޯޑިއަމްތަކާ ކައިރިނުވެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީނާއި ޕީއެންއެފަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެބޭފުޅުންނަކީ 1993 ވަނަ އަހަރުން ފެށިގެން އެކީގައި މަސައްކަތްކުރަމުން އަންނަ، ކަންކަމުގެ މަތިފުށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނެވެ. މީގެ އިތުރުން، ގައުމަށް ވަފާތެރިވުމަކީ ގައުމުގެ މިނިވަންކަމާއި އަމާންކަން ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުން ކަމަށާއި، ރައްޔިތުންނަށް އިހުލާސްތެރިވުމަކީ ރައްޔިތުންގެ ލާބައަށް ކުރާ މަސައްކަތްތަކަށް ހުރަސްނޭޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން ބަޔަކު މަސައްކަތްކުރި މަންޒަރު ފެނިވަޑައިގަތް ކަމަށާއި، އެކަމުން ގައުމު ސަލާމަތްކުރުމަށް ނުކުތީ މިހާރުގެ ސަރުކާރު ހިންގާ ފިކުރުގެ ބޭފުޅުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ދުވަސްވަރު ގައުމަށް އިހުލާސްތެރިވެގެން ވާހަކަދައްކަން މިއަދު ތިބި މީހުން އެއްވެސް ތާކުން ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއަދު މި ގައުމީ ފިކުރު އިސްވެ އޮތީ ރައީސް މުއިއްޒާއެކު ކަމަށާއި، މި ފިކުރުން ވެރިކަން ލިބުމުން ރައްޔިތުންނަށް ހަމަޖެހުން ލިބޭނެކަން ގަބޫލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.