ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ޒައާމަތަކީ ބޮލުގެ ރިހުމެއް ކަމަށް ސިފަކުރައްވައި، އެފަދަ ވެރިކަމަކަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ނައިބު ރައީސް އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވި ގޮތުގައި، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ގިނަ ބަޔަކު ވާދަނުކުރާތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަސަދަވެރިކަމުގެ ސަބަބުން ދައްކާ ވާހަކަތަކެކެވެ. 2013 އިން 2018 އަށް އޮތް ވެރިކަމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓުވެސް ދިނީ ޕްރައިމަރީއަކާ ނުލައި ކަމަށެވެ. އެ އަހަރުގެ އިންތިހާބު ނާކާމިޔާބުވީ ކެމްޕޭނަށް ލިބުނު ފައިސާއަށް ވީގޮތް ނޭނގުމާއި، މަޖިލިސް މެންބަރުންނާ މެދު އަމަލުކުރި ގޮތާއި، ސިޔާސީ ލީޑަރުން ޖަލަށް ލުމުގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

އެ ދުވަސްވަރު ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި ކޯޓުތަކަށް ނުފޫޒު ނުފޯރުވުމަށް މިހާރުގެ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ލަފާދެއްވި ކަމަށާއި، ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރުކުރެއްވި ކަމަށް ފަލާހު ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ މި ތިން އަހަރާ އަޅައިކިޔުއްވަމުން ފަލާހު ވިދާޅުވީ، މިހާރު އެއްވެސް ސިޔާސީ ބޭފުޅަކު ޖަލުގައި ނެތް ކަމަށާއި، ކޯޓުތަކަށް އަމުރުކޮށްގެން ނުފޫޒު ފޯރުވުމުގެ އަމަލުތައް ނުހިންގާ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ފަލާހު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުން ތިއްބެވީ 2028 ވަނަ އަހަރުގެ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ތައްޔާރަށެވެ. އިދިކޮޅު ފަރާތްތަކުން ފައިސާއާއި އެހެނިހެން ނުފޫޒުތައް ބޭނުންކޮށްގެން ޕާލަމެންޓަރީ ގްރޫޕް ރޫޅާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، އެކަން ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އަދި ބައެއް ފަހަރު އިދިކޮޅު ފަރާތްތަކަށް އޮޅުވާލުމުގެ ގޮތުން ޕީއެންސީން ގަސްތުގައި ދޮގު މައުލޫމާތު ދޭ ކަމަށާއި، ތެދުދޮގު ނުބަލައި އެ މައުލޫމާތުތައް ފަތުރާ ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ވެރިކަމުގެ ހާލަތު ސިފަކުރައްވަމުން ފަލާހު ވިދާޅުވީ، އެއީ "ޕެނަޑޯލް ހަތަރު ފަސް ގުޅަ ކައިވެސް ނުގުޑާ" ވަރުގެ ބޮލުގެ ރިހުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި 70 ނުވަތަ 80 އަހަރުވެފައިވާ ކުރީގެ ވެރިންވެސް އޭރު ތިއްބެވީ ޖަލުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެފަދަ ޒައާމަތަކަށް ދިވެހި ރައްޔިތުން އިންތިޒާރު ނުކުރާ ކަމަށާއި، ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުން ގޭގައި މަޑުކުރެއްވުން މާ ރަނގަޅުވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.