އެމެރިކާޔާއި އީރާނުގެ ހަނގުރާމައިގައި ރައީސް ޓްރަމްޕު ގޮތްހުސްވެ މާޔޫސްވެގެން ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ނުވަތަ އިޒްރޭލުން ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފިއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަބަޔަކު ހިތާހިތުން ކުރަމުންދާ ސުވާލެކެވެ. އެހެނީ އީރާނާ ދެކޮޅަށް ހަގުރާމަ ކުރަމުން އެދަނީ ނިއުކުލިއަރ ހަތިޔާރު ހުރި ދެގައުމެވެ. މިތަނުން އެއްގައުމަކީ މީގެކުރިންވެސް ދެފަހަރު ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފައިވާ ގައުމެކެވެ. އެމެރިކާ ވަނީ 1945 ވަނަ އަހަރު ޖަޕާނުގެ ހިރޮޝީމާޔާއި ނަގަސާކީއަށް ނިއުކުލިއަރ ބޮން އަޅައިފައެވެ. އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމައިލާނެޔޭ ބުނެވޭ އުސޫލުން އެއްފަހަރު ނިއުކުލިއަރ ހަތިޔާރު ބޭނުންކުރި ބަޔަކު ދެވަނަ ފަހަރަށް ކީއްކުރަން ތިންވަނަ ފަހަރަށްވެސް އެ ހަތިޔާރު ބޭނުންކޮށްފާނެއެވެ. އެމެރިކާޔަކީ އެކަހަލަ ދައުލަތެކެވެ. އިޒްރޭލުގެ ވިޔާނުދާކަން އަދިއެއަށްވުރެވެސް ބޮޑެވެ.
އެމެރިކާގެ އިތުރުން އިޒްރޭލުގައިވެސް ނިއުކުލިއަރ ހަތިޔާރު ހުރިކަމީ މުޅިދުނިޔެ ދަންނަ ހަގީގަތެކެވެ. މި ދެގައުމު ގުޅިގެން އީރާނާ ދެކޮޅަށް ހަގުރާމަފެށީ ނިއުކުލިއަރ ބާރަކަށް އީރާނު ވިޔަނުދިނުމުގެ ބަހަނާގައެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހުއްޓުވުމުގެ ބަހަނާގަައެވެ. އެކަމަކު އެއީ އަސްލު މަގުސަދެއް ނޫނެވެ. އަސްލު ބޭނުމަކަށްވީ އީރާނުގެ ވެރިކަން ބަދަލުކުރުމެވެ. އެކަމެއް ނުވިއެވެ. އެހެންވީމާ ދެން ތެހެރާނަށް ނިއުކުލިއަރ ބޮމެއް ވައްޓާލައިފައި މިކަން ނިމުނީއޭ ބުނަން މަޖުބޫރުވެދާނެއެވެ. އެހިސާބަށް ދިއުމުގެ ކުރިން ވިސްނައިލަންޖެހޭ ނުގުތާއެއް އެބައޮތެވެ. އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމް ކޮބައިހެއްޔެވެ؟ އެމެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ބޮންއަޅައިފިއެވެ. ބިމުގެ އެންމެ އަޑީގައިވާ ބިންގަރާސް ތޮރުފާ ބޮންވެސް ހިމެނޭ ގޮތުންނެވެ. މި ހަމަލާތަކުގައި އިމާރާތްތަކެއް ސުންނާފަތި ވެއްޖެއެވެ. ސާމާނުތަކެއް ހަލާކުވެ ނެތިހިގާއްޖެއެވެ. އެކަމަކު ނިއުކުލިއަރ މާއްދާތައް އެހުރިގޮތަށް ސިއްރު ތަނެއްގައި އެބަހުއްޓެވެ.
މިދެންނެވި ސްޓޮކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ހަގުރާމައިގެ ކުރިން އީރާނުން ވަނީ ވަރަށް ގިނަ މިންވަރެއްގެ ޔުރޭނިއަމް ފައްކާކޮށްފައެވެ. ގަބޫލު ކުރެވޭ ގޮތުން ބައި ޓަނުގެ ފައްކާކުރި ޔުރޭނިއަމް އެބަހުއްޓެވެ. ގާތްގަޑަކަށް ފަސްދޮޅަސް އިންސައްތަޔަށް ނުވަތަ އެއަށްވުރެ މަތީ ދަރަޖައަކަށް ފައްކާކުރެވިފައިވާ ޔުރޭނިއަމެވެ. މިއީ ނިއުކުލިއަރ ބޮން އުފެއްދުމަށް ބޭނުންވާ ގްރޭޑުގެ ޔުރޭނިއަމާ ގާތްކުރާ ގްރޭޑެކެވެ. ނިއުކުލިއަރ ހަކަތަ ލިބިގަތުމަށް އެކަށޭނަ ގްރޭޑަށްވުރެ މާމަތީ ގްރޭޑެކެވެ. މިތަކެތި ހުރުމުގެ މާނަޔަކީ އީރާނުގައި ނިއުކުލިއަރ ބޮން ހުރުމެއް ނޫނެވެ. އީރާނު ބޭނުންވެއްޖެނަމަ ދާދިއަވަހަށް، ދާދިފަސޭހައިން ނިއުކުލިއަރ ބޮން އުފެއްދުމުގެ ކެރިކުޅަދާނަކަން ލިބިގެންވުމެވެ. އެމެެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލަދިން ފަހުން އެތަންތަނަށް ވަދެ ބަލައި ފާސްކުރުމުގެ ހުއްދަ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާގެ އިނިސްޕެކްޓަރުންނަށް ދޭން އީރާން ވަނީ ދެކޮޅު ހަދައިފައެވެ.
މިކަން މިހެންހުރީމާ ކުރިން އިޝާރާތް ކުރެވުނު ފައްކާކުރި ޔުރޭނިއަމާއި އެނޫންވެސް ނިއުކުލިއަރ މާއްދާތަކުގެ ޚަބަރާއި ނިއުކުލިއަރ މަރުކަޒުތަކުގައި ހިގަމުންދާ ކަންކަން ދުނިޔެއަކަށް ނޭގެއެވެ. ހިލަމެއްވެސް ނުވެއެވެ. އެމެރިކާޔާއި އީރާނު އަދިވެސް އެތިބީ ހަގުރާމައިގެ ހާލަތުގައެވެ. ހަގުރާމަޔަށް ނިމުމެއް ނާދެއެވެ. މިހެން ތިއްބައި އެމެރިކާގެ ޖާސޫސީ އިދާރާއިން ކުއްލިއަކަށް ގަބޫލުކޮށްފާނެއެވެ. ނުވަތަ ބުނެފާނެއެވެ. އެއްކަލަ ޔުރޭނިއަމް އިތުރަށް ފައްކާކޮށް ނުވަދިހަ އިންސައްތަޔާ ގާތްކޮށްފިއެވެ. އީރާނު އެހެރަގެން ތައްޔާރުވަމުންދަނީ ނިއުކުލިއަރ ބޮން އުފެއްދުމަށެވެ. އެކަމަށް ދެން މާގިނަ ދުވަސްތަކެއްވެސް ނެތެވެ. އެހާލަތުގައި ރައީސް ޓްރަމްޕު ދެން އަމަލުކުރާނީ ކޮންގޮތަކަށް ބާވަައެވެ. އީރާނަށް ނިއުކުލިއަރ ހަތިޔާރުން ހަމަލަދޭނީ ބާވަައެވެ. އެކަހަލަ ހަމަލައެއްގެ ރައްދުގައި އީރާނުން އަމަލުކުރާނީ ކޮންގޮތަކަށް ބާވަައެވެ. ނިއުކުލިއަރ ހަމަލަޔަކަށް ރައްދުދޭނީ ނިއުކުލިއަރ ހަމަލަޔަކުން ބާވަައެވެ.
މިދެންނެވި ހާލަތު މެދުވެރިވެއްޖެނަމަ އީރާނަށް ނިއުކުލިއަރ ހަމަލައެއް ދޭން ރައީސް ޓްރަމްޕަށްވުރެ ކުރިން ނިންމާނެ ކަމަށް ބެލެވެނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އެމެރިކާ އޮތީ އީރާނުގެ މިސައިލް ރޭންޖަށްވުރެ މާދުރުގައެވެ. އިޒްރޭލް އޮތީ އެރޭންޖުގެ ތެރޭގައެވެ. އިޒްރޭލުން އީރާނަށް އެޒާތުގެ ހަމަލައެއް އިސްވެ ދީފިނަމަ ދެން ކަންކަން ކުރަންވީ ގޮތުގެ ޕްލޭނެއް މާކުރީގައިވެސް އީރާނުން އޮންނާނީ ރާވައިފައެވެ. އެ ޕްލޭން ތަންފީޒުކޮށް ނިމޭއިރު އިޒްރޭލޭ ކިޔުނު ދައުލަތް ދެމިއޮންނާނޭ ކަމަށް ނުފެނެއެވެ. އިޒްރޭލު ކުޑަކަމުންނެވެ. އީރާނުގެ ބިޔަކަމުންނެވެ. މިދެންނެވި ބަހުގެ މުރާދަކީ އީރާނާ ދެކޮޅަށް ކޮންމެ ބަޔަކު އިސްވެ ނިއުކުލިއަރ ހަތިޔާރެއް ބޭނުންކުރިޔަސް އީރާނުގެ ރައްދު އިޒްރޭލަށް އަމާޒުވާނޭކަން ކަށަވަރު ވާހަކައެވެ. މިނިނާޅިއަކުން މިނައި ނިމޭއިރު އިޒްރޭލް ދެމިއޮތުން އެކަށީގެންނުވާ ވާހަކައެވެ. މިވާހަކަ ނުސީދާކޮށް ކިތަންމެ ފަހަރަކު އީރާނުން ވަނީ ބުނެފަައެވެ. މިއީ މިހަގުރާމައިގައި ނިއުކުލިއަރ ކުލަ ޖެހިއްޖެނަމަ ވެދާނޭ ގޮތެކެވެ.
ނިއުކުލިއަރ ހަތިޔާރު ހުރިކަން ކަށަވަރުވާ މިވަގުތު އޮތީ ނުވަ ގައުމެކެވެ. އެއީ އެމެރިކާ، ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިޔާ، ޕާކިސްތާން، އިޒްރޭލް އަދި އުތުރު ކޮރެޔާއެވެ. މިއިން ކޮންމެ ގައުމަކުންވެސް ނިއުކުލިއަރ ހަތިޔާރު އުފައްދައި ގުދަންކޮށްގެން އެތިބީ ދުނިޔެ ފަނާކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެބައެއްގެ ދެމިތިބުން ނުރައްކަލުގެ ތެރެއަށް ވެއްޓިއްޖެނަމަ އެނުރައްކަލާ ދެކޮޅަށް ބޭނުންކުރާނެ އެންމެފަހުގެ ވަސީލަތެއްގެ ގޮތުންނެވެ. މިއިން ގައުމެއް މާބޮޑަށް ބިރުގަނެ ދެންއެހެން ގޮތެެއް ނެތޭ ހީވެ ނިއުކުލިއަރ ހަތިޔާރުގެ ބަޓަނަށް ފިތައިލާ ހިސާބުން އެއޮތީ ނިއުކުލިއަރ ހަގުރާމައެއް ފެށިފައެވެ. އީރާނަކީ ނިއުކުލިއަރ ހަތިޔާރު އަދިނެތަސް، ނުވަތަ ހުރިކަން ޔަގީން ނުވިޔަސް އެއްވެސް ޝައްކެއްނެތް މިންވަރަށް ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ކެރިކުޅަދާނަކަން ހުރި ގައުމެކެވެ. އެކަމަށް ބޭނުންވާ އިލްމާއި ހުނަރާއި މާއްދާތައް ހުރި ގައުމެކެވެ.
އިމާދު ލަތީފު
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް