ޕީއެންސީގެ މެމްބަރުންގެ އަދަދު 80،000 އިން މައްޗަށް އަރައި، އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސްގެ ވާހަކަފުޅުގައި، މީގެ ދެ އަހަރާއި 10 މަސްދުވަސް ކުރިން އެންމެ 3،000 އެއްހާ މެމްބަރުން ތިބި ޕާޓީގެ ސަފުތައް މިހާ ބޮޑަށް ވަރުގަދަވެގެން ދިޔައީ، ޕާޓީގެ މެމްބަރުން ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރި އިހުލާސްތެރި މަސައްކަތުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިހާރު އެ ޕާޓީގެ ދަފްތަރުގައި ޖުމްލަ 80،083 މެމްބަރުން ތިބިކަން އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މެމްބަޝިޕަށް އައި މި ބޮޑު ކުރިއެރުމަކީ ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، މިހާރު ތިބި މެމްބަރުންނަށާއި ކުރިމަގުގައި ގުޅޭނެ އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.