ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ތެރެއިން މިހާތަނަށް 1.3 ބިލިޔަން ޑޮލަރު މި ސަރުކާރުން އަދާކޮށް ހަލާސްކޮށްފައިވާ ކަމަށާއި، އެ ވާހަކަތައް ދައްކަން ކުރީގެ ވެރިންތައް ބޭނުންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ދަރަނި ދެއްކުމުގައި ސަރުކާރުން ހޯދަމުންދާ ކާމިޔާބީއަކީ ގައުމުގެ އިގްތިސޯދީ ރައްކާތެރިކޮށް، ރަހުނުކޮށްފައިވާ ދައުލަތުގެ މުދާތައް އަނބުރާ ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން، ބުރާސްފަތި ދުވަހުވެސް ކުރީގެ ދަރަނީގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކާފައިވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ވާހަކަތައް ނުދެއްކުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެ ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖެ ދަރަނިވެރިކުރުވި ހަގީގަތް ފޮރުވަންތޯ ރައީސް ސުވާލު ކުރެއްވިއެވެ.

"އެކަން އެއީ އެހެންވީކަމެއް ނޫނޭ ބުނާކަހަލަ. އެވާހަކަ ނުދައްކާށޭ. އަދި ދަރަނި ނެގީ އެކަންޏެއްވެސް ނޫނޭ އަޅުގަނޑުމެންގެ ހަރު މުދާތައްވެސް ވިއްކާލާފައި. ނޫނީ ރަހުނުކޮށްފައި. އަޅުގަނޑުމެން 532 މިލިއަން ޑޮލަރު ސުކޫކު އެއްކޮށް ދައްކާ ނިންމީ" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، 532 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ނިންމާލުމުގެ އެންމެ ބޮޑު ބޭނުމަކީ ގައުމުގެ މިނިވަންކަމާއި ހަރުމުދާ ދަރަނީގެ ނުރައްކަލުން ސަލާމަތްކުރުމެވެ.