ރާއްޖޭގެ އިސްތިގުލާލުގެ ވާހަކަ ދެއްކުމުގެ ހައްގު ޕީއެންސީ ނޫން އެހެން ޕާޓީއަކަށް ލިބިގެންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާއި ރައްކާތެރިކަމުގެ ތެރެއިން ދިފާއީ ރައްކާތެރިކަމަށް ސަމާލުކަން ދޭ ކަމަށެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިފާއީ ބާރު އޮތީ ވަރަށް ނިކަމެތި ހާލަތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންނޫންތޯ ވާނީ އޭގެކުރިން ވެރިކަންކުރި ސަރުކާރުން ލަދުގަނޭ އަޅުގަނޑުމެންގެ ދިފާއީ ނިޒާމު ނޫނިއްޔާ އަޅުގަނޑުމެންގެ ސިފައިންގެ ސިފައިންނަކީކަމެއް ކުރެވޭ ބައެއްކަމަށް އެ މީހުން ބުނަންވެސް ބޭނުންނުވޭ. އަމިއްލަ ގައުމުގެ ސިފައިންނާމެދު އެއްވެސް ފަހުރުވެރިކަމެއް ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހުރިހާކަމެއް ބައްޓަން ކުރަމުން ދިޔައީ ވަކި ގައުމެއް ބޭނުންވާ ގޮތަކަށް ކަމަށެވެ.

"މިގައުމުގަ ބޭރު ސިފައިން ބައިތިއްބައިގެން. ބޭރު ސިފައިން ބޭތިއްބިކީ ހަމައެކަނި މިދިޔަ ސަރުކާރަކުން ނޫން. މިކަން ފެށިފަ އޮންނަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަ 2009 ގަ. މިތަނަށް ބޭރު ސިފައިން ގެނައީ 2009 ގަ. އެއިރުގަ ގެނައި ގޮތަށް އެ ސަރުކާރަކުންވެސް އެ މީހުން ފޮނުވާލީކީ ނޫން. ދެން އައި ސަރުކާރަކުންވެސް ފޮނުވާލީކީ ނޫން. ދެން އައި ސަރުކާރުންވެސް ފޮނުވާލީކީ ނޫން. އެހެންވީމާ، މިކަންކަމާ ހަވާލުވާންޖެހޭނެ އެ ހުރިހާ ސަރުކާރުތަކުން. މިތާ ބޭރު ސިފައިން ބައިތިއްބައިގެން، އެކުރިކަންކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ގައުމު ގައުމީ ލޯބިގާ ގައުމުގެ ވާހަކަ ދައްކަން މިތަނުގެ މި މިނިވަންކަމާ އިސްތިގުލާލުގެ ވާހަކަދައްކަން އެއިން އެއްވެސް ބޭފުޅަކަށް ނެތް ހައްގެއް. އެއްވެސް ޕާޓީއަކަށް ނެތް ހައްގެއް. އެއްވެސް ފިކުރަކަށް ނެތް، މި ފިކުރަށް ނޫނީއްޔާ ހައްގެއް ނެތް" ރައީސް ވިދާޅުވިއެވެ.

އިސްތިގުލާލުގެ ވާހަކަ ދެއްކުމުގެ ހައްގު ހަމައެކަނި ޕީއެންސީއަށް ލިބެންވީ ސަބަބަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިހާރު މިރާއްޖޭގައި އެންމެ ބޭރު ސިފައިންގެ މީހެއްވެސް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންނާ އެހެން ފިކުރުތަކާ ހުރި ތަފާތަކީ. މި ޕާޓީއާ އެހެން ޕާޓީއާ" ރައީސް ވިދާޅުވިއެވެ.

ޕީއެންސީއާ ވާދަވެރި ފަރާތްތަކުގެ ވެރިކަމުގައި ރާއްޖެ ދަރުވާލުމުގެ އިތުރުން ގައުމުގެ ހަރުމުދާތައްވެސް ވިއްކާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖެ ދަރަނިން ސަލާމަތްކޮށް، ހަރުމުދާތައް އަނބުރާ ހޯދަންކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ގައުމުގެ ވިންދު ހިތުގައި ޖަހާ މީހަކު ދިވެހިންގެ ހަރުމުދާތައް ދިވެހިންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ދޭނީ. އެއީ ޕީއެންސީގެ ފިކުރާއި އެހެން މީހުންނާ ތަފާތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާޒީގެ އަބްތާލުން ޖިހާދުތައް ކުރީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށެވެ. އަބްތާލުން އެންމެ ފުރަތަމަ އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތެއް ނުވަތަ އާއިލާ އަދި ރަހުމަތްތެރިން ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ރާއްޖޭގައި އުޅެވެނީ އެ ބޭފުޅުން ގައުމު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.