މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއަށް ޖާގަ ދިނުމުގެ ގޮތުން، އެތަނުގައި ހިންގަމުން އަންނަ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމުގެ ނޯޓިސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދީފިއެވެ.

އެސްޓީއޯއިން އެ ވިޔަފާރިތަކަށް ފޮނުވި ނޯޓިހެއްގައި ބުނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނޯޓިސް ލިބޭ ތާރީހުން ފެށިގެން 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތަންތަން ހުސްކޮށް އެ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

އެ މުއްދަތުގައި ޔުނިޓުތައް ހަވާލުކުރުމުން، 15 އޮކްޓޫބަރު 2022 ގައި ވެފައިވާ ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލު ވެ، ނިމުމަކަށް އަންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މީގެ އިތުރުން، ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތް ނަމަ، އެ ފައިސާގެ ތަފުސީލާއި އެ ފައިސާ އަދާކުރަން ޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

32 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެސްޓީއޯއިން ތަރައްގީކުރި އެ ފުޑްކޯޓުތަކަކީ 2018 ވަނަ އަހަރުގެ މޭ މަހު ހިދުމަތް ދޭން ފަށައި، އެ އަހަރުގެ ޖުލައި 23 ގައި ރަސްމީކޮށް ހުޅުވި ތަނެކެވެ.