ތ. ގުރައިދޫ ސިނާއީ ސަރަހައްދު، ކަންޑަރުގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ ޝާހު އާލަމް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށް މީހަކު މަރައިލި ކުށް ސާބިތުވެ، އުުމުރަށް ޖަލަށް ލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިޔަން ރުފިޔާ ދައްކަން ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މެއި 21، 2020 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޝާހް އާލަމް މަރާލި މައްސަލާގައި ބަބުލް މިއާއަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ.

މި މައްސަލައިގައި ބަބުލްގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ޝާހް އާލަމް މިއާގެ ވާރިސުންގެ ބަސް ހޯދިއިރު، ވާރިސުން ބުނެފައިވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.

އެހެންކަމުން ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.

ނަމަވެސް އޭނާ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭ ހުކުމުގެ މުއްދަތު ކުރުވާނެ އެވެ. ހަމަލާދިނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.