މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމާލި ބުރު ސްޕޯޓްސް ކްލަބަށް ހާލަތު ބަދަލުކޮށްލަން ބޭނުންވާ ރަނގަޅު އެންމެ ވަގުތުކޮޅެއް ކަމަށް ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފިއެވެ.
ބުރުން މި ސީޒަނުގެ ކަޕް ވިނާސް ކަޕްގައިވެސް ވާދަކޮށްފައިވާ އިރު، އެ މުބާރާތުންވެސް މޮޅެއް ނުހޯދެއެވެ. އަދި ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި އަލަށް ވާދަކުރަމުންދާ ދިއްދޫ ފުޓުބޯޅަ ޓީމު ކައިރިން ބުރު ބަލިވީ 1-0 އިންނެވެ. އެޓީމުން ދެވަނަ މެޗުގައި މިއަދު ނުކުންނާނީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
"އަހަރެމެންނަށް އެނގޭ އޮޑިއަކީ ވަރުގަދަ ކޯޗަކާއެކު ކުޅެމުންދާ ވަރުގަދަ ޓީމެއްކަން. ކަޕް ވިނާސް ކަޕުން ފެށިގެންވެސް އޮޑި އަންނަނީ ރަނގަޅު ކުރަމުން. އެހެންވީމަ އަހަރެމެންނަށް މެޗު ފަސޭހަ ނުވާނެ. އަހަރެމެން މިދަނީ އަހަރެމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކޮށް، މި ޓީމުގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން،" ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް ބުނީ ބުރަކީ ޒުވާން ޓީމެއް ކަމަށާއި، ކުރަން މިއުޅޭ މަސައްކަތަކީ މުޅިން އާ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ގެންނަން ބޭނުންވާ ފުޓުބޯޅައިގެ ވިސްނުމަކީވެސް މުޅިން ތަފާތު އާ ވިސްނުމެއް ކަމަށްވުމާއެކު، "އެ ޕްރޮސެސް"އަށް ވަގުތު ނަގާނެ ކަމަށްވެސް ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް ބުނީ އެންމެފަހުން ދިއްދުއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކުޅުންތެރިން ފެނުނީ މާޔޫސީ ގޮތެއްގައި ކަމަށެވެ. އަދި އޭގެފަހުން އެންމެން އެއްކޮށް ބައްދަލުވެ، އެ މެޗުގެ ބައެއް ވީޑިއޯ ކްލިޕުތައް ބެލި ކަމަށާއި، އެ ކްލިޕުތަކުން މެޗުގައި ކުރި ރަނގަޅު ކަންތައްތައް ފެނުމުން ކުޅުންތެރިންގެ މޫނު މަތިން މާޔޫސްކަން ދާން ފެށި ކަމަށެވެ.
"މެޗުގައި ރަނގަޅަށް ކުރެވުނު ކަންތައް ފެނުމުން ނެގެޓިވް ވިސްނުން ދާން ފެށި. އަހަރެމެންނަށް އެންމެންނަށްވެސް ފެނުނު އެ މެޗުގައި ކުރެވުނު ރަނގަޅު ކަންތައް. އަހަންނަށް ޔަގީން ގޯލެއް ޖެހޭ ހިސާބުންވެސް، ނޫނީ ރަނގަޅު އެންމެ ނަތީޖާއެއް ނުކުންނަ ހިސާބުންވެސް ބުރުގެ ހާލަތު ބަދަލުވާނެކަން. އެއީ ކުޅުންތެރިން ގަބޫލުކުރޭ މި ކުރާ މަސައްކަތް،" ރޮޑްރިގޭޒް ބުންޏެވެ.
ބުރާއި އޮޑި ވާދަކުރާ ލީގު މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައި ގައުމީ ދަނޑުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް