ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ފަހު ޕޭމެންޓަށް ވާ 50 މިލިއަން ޑޮލަރު މިއަދު ދައްކައި އެ ލޯނު އެއްކޮށް ހަލާސްކުރި ނަމަވެސް، ޒަރޫރީ މުދާ ރާއްޖެއަށް އެތެރެކުރަން ދައްޗެއް ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ދައްކައި ހަލާސްކުރި ނަމަވެސް، ތެލާއި ކާޑުގެ އިންތިޒާމުތައްވެސް ހުރީ ހަމަޖެހިފައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން" ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިއަދު ދައްކައި ނިންމި މި ފައިސާއަކީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން ކުރީގެ ރައީސް ސާލިހުގެ ވެރިކަމުގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. މި ފެސިލިޓީގެ ތެރެއިން މި ސަރުކާރުން ވަނީ ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު، އަދި 11 މޭ 2024 ގައި އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. ބަޖެޓް ސަޕޯޓަށް ކުރީގެ ސަރުކާރުން ނެގި މި ދަރަނި، މިއަދުގެ ތާރީޚުގައި އެންމެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމާއެކު މިހާރު ވަނީ އެއްކޮށް ހަލާސްކޮށްފައި" ފިނޭންސުން ބުންޏެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި، އޯގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައި ކަމަށް ފިނޭންސްގެ ބަޔާނުގައި ބުންޏެވެ.

މި ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓްރިން ހާމަކުރެއެވެ. ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހުގެ އިތުރުން މުހިންމު އެހެނިހެން މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް މިހާރުވެސް ވަނީ ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބާޔާނުގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރިން އިތުރަށް ބުނިގޮތުގައި ޒަރޫރީ މުދަލާއި އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ދަރަނި ބެލެހެއްޓުމުގައި ގެންގުޅޭ ސިޔާސަތަކީ ދަރަނި އަދާކުރަންޖެހޭ ތާރީހުތަކަށް ދުރާލައި ރޭވުންތެރިކަމާއެކު ތައްޔާރުވުމެވެ. މީގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުންވެސް ކުރިޔަށްދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ތަރައްގީގެ ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ސަރުކާރުން ކުރަމުން އަންނަކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. މި މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެއެވެ.