ރިޔާސީ ޕްރައިމަރީއަކާ ނުލައި، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، މިއަދު ފާސްކޮށްފިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ.
ގަރާރު ހުށަހަޅަމުން އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރައްވައި، ގައުމުގެ މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ގަރާރު ހުށަހަޅަމުން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، އިގްތިސާދު ސިންދަފާތުކުރުމާއި، "ޑިޖިޓަލް މޯލްޑިވްސް 2.0" ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކުރެއްވުމާއި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ އައްލުކުރުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުމުގެ އިތުރުން، ބައިނަލްއަގްވާމީ މައިދާނުގައި އަނިޔާ ލިބެމުންދާ ފަލަސްއީނުގެ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަކާލާތުތައް ވެސް ފާހަގަކުރިއެވެ.
އޭނާ ހުށަހެޅި ގަރާރުގައި ވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"ދިވެހި ގައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަގުބަލަށާއި ލާބަ އާއި މަންފާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭ ހިނދު. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާދަ ކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރެއްވުމަށް ހުށަހަޅަން" އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރުގައި ވެއެވެ.
މި ގަރާރު ހުށަހެޅުމަށްފަހު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުއިއްޒަށް ދެންނެވުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް އޭނާ ވަނީ މެންބަރުންގެ ކިބައިން އެދިފައެވެ.
އެ ގަރާރުގެ ބަހުސް ވަގުތުގައި، ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވަނީ އެ ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވައިފައެވެ.
އެ ގަރާރުގެ ބަހުސްގެ ވަގުތުގައި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ މައިގަނޑު ސަބަބަކީ މި ގައުމު މިނިވަންކަންމަތީ ބޭއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.
ގަރާރުގެ ބަހުސް ނިންމައި، ވޯޓަށް އެހުމުގެ ކުރިން ލިބުނު ހުސް ވަގުތުކޮޅުގައި މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަކީ މަތީ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން އަބްދުﷲ އިބްރާހީމް ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހީ އަތް ނަގައިގެންނެވެ. އެ ގަރާރު ފާސްވީ ހާޒިރުވެ ތިބި 1119 މެންބަރުންގެ އިއްތިފާގުންނެވެ.
އަލީ ޔާމިން
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް