ރިރާއީ ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް އެދި ޕީއެންސީގެ މަތީ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ.
ގަރާރު ހުށަހަޅަމުން އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރައްވައި، ގައުމުގެ މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ގަރާރު ހުށަހަޅަމުން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، އިގްތިސާދު ސިންދަފާތުކުރުމާއި، "ޑިޖިޓަލް މޯލްޑިވްސް 2.0" ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފުކުރެއްވުމާއި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ ހައްލުކުރުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުމުގެ އިތުރުން، ބައިނަލްއަގްވާމީ މައިދާނުގައި އަނިޔާ ލިބެމުންދާ ފަލަސްއީނުގެ ރައްޔިތުންގެ ހައްގުގައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ވަކާލާތުތައް ވެސް ފާހަގަކޮށްފައިވެއެވެ.
އޭނާ ހުށަހެޅި ގަރާރުގައި ވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"ދިވެހި ގައުމާއި އެންމެހާ ރައްޔިތުންގެ ދުރުމުސްތަގުބަލަށާއި ލާބައާއި މަންފާއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކޭ ހިނދު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ވާދަ ކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން ދެންނެވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުން މި ގަރާރު އެކަށައަޅައި އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ރަސްމީކޮށް ދެންނެވުމުގެ ގޮތުން މި ގަރާރު މި މަޖިލީހުން ފާސްކުރެއްވުމަށް ހުށަހަޅަން،" އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރުގައި ވެއެވެ.
މި ގަރާރު ހުށަހެޅުމަށްފަހު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުއިއްޒަށް ދެންނެވުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް އޭނާ ވަނީ މެންބަރުންގެ ކިބައިން އެދިފައެވެ.
އިބްރާހިމް ޒަކީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް