މިހާރު ޖަލަށްލާ ހިސާބުން ރާއްޖޭގެ މުއާސަލާތީ ހިދުމަތްތަކުގެ ތެރެއިން އެއްވެސް ހިދުމަތެއް އެ ގައިދީއަކަށް ނުދޭނެ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސްގެ ސެޝަނެއްގައި ސްކޭމްތައް ހުއްޓުވުމަށާއި ޖަލަށް ތަކެތި ވައްދަމުން އައި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އުނދަގޫ ކުރަމުން އައި ސްކޭމް ކޯލް ކުރާ މީހުންނާއި ދޭތެރެދޭތެރެއިން ޖީއެސްޓީ ނަގަން ގުޅާ މީހުން ފަދަ ސްކޭމް ކޯލްތައް ހުއްޓުވުމަށް މި ވެރިކަމުގައި ޖަލުގައި މިހާތަނަށް 153 އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ.

އެގޮތުން 200 އަށްވުރެ ގިނަ ނަންބަރު މިހާރު ކެންސަލްކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. ޕީއެންސީ ވެރިކަމަށް އައިއިރު، ޖަލުގައި ތިބެގެން ބައެއް މީހުންނަށް ފޯނު ނެގޭ އަދި ފޯނު ރަޖިސްޓްރީ ވެސް ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ޖަލަށްލާ ހިސާބުން ފެށިގެން ރާއްޖޭގެ މުއާސަލާތީ ހިދުމަތްތަކުން އެމީހަކަށް ދެން ހިދުމަތެއް ނުދޭނެ އަދި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފަ އޮތް ނަންބަރުތައްވެސް ބްލޮކް ކުރެވޭނެ ގޮތް ގާނޫނުގެ ތެރެއިން މި ދަނީ ހޯދަމުން. އެއީ ޖަލުގަ އޮންނަ މީހަކު އޭނާ އަމިއްލަ ނަންބަރެއް ބޭނުން ކުރަން ޖެހޭ ހާލަތެއް ނާންނާނެ، ހަގީގަތަކީ އަޅުގަނޑުމެން ބަލައިލިއިރު ޖަލުގަ ތިބޭ ބައެއް ގައިދީންގެ ނަމުގަ ފަންސާހަކަށް ނަންބަރު ރަޖިސްޓްރީ ކޮށްފަ އެބަހުރި،"

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ފޯނު ބޭނުންކޮށްގެން ޖަލުގައި ތިބެގެން މީހުންނަށް ސްކޭމް ކޯލްތައް ކުރުމާއި މީހުން އަތުން ފައިސާ ހޯދަން، އުނދަގޫ ކުރުން ފަދަ ކަންކަން ހުއްޓުވުމަށްޓަަކައި ވަަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ފުތަމަ ފަހަރަށް ރާއްޖޭގެ ޖަލެއްގައި ބޮޑީސްކޭނިން މެޝިނެއް ގާއިމްކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެތަަނަށް ވަންނަ ޖަލު ބަލަހައްޓާ ކޮންމެ އޮފިސަރަކުވެސް މިހާރު ދާނީ ސްކޭން ކުރެވިގެން އަދި ޖަލަށް ގެންނަ ހުރިހާ ދަބަސްތަކާއި އެހެނިހެން ސާމާނުތަކާއި އެއްޗެހިވެސް މިހާރު ދާނީ ބެގެޖް ސްކޭނަރެއްގެ ތެެރެއިން ސްކޭން ކުރެވިގެން،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ސަބަބުން ދެން ޖަލަށް އެއްޗެހި ވައްދަން މަސައްކަތްކުރީ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށްވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ވާނީ ޖަލުތަކުގެ ކައުންޓަޑްރޯން މެޝާސްތައް ނަގާފަ، އަދި ކައުންޓަ ޑްރޯން އިކުމެންޓްތައް ވެސް ޖަަލަށް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން، ޖަލަކީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ތެރެއިން ނުރައްކަލެއް ނާންނާނެ ތަނެއްގެ ގޮތުގަ ހަދާފަ މިސަރުކާރުގައި ދައްކާނަަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.