މެޓާ ކުންފުނިން ކެމެރާ ނުހިމެނޭ ސްމާޓް އައިނެއް ބާޒާރަށް ނެރެން މަސައްކަތްކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. މިހާރު ބާޒާރުގައި ހުރި މެޓާގެ ރޭބޭން ސްމާޓް އައިނުގައި ކެމެރާ ހިމަނާފައިވީ ނަމަވެސް، އަލަށް ފަރުމާކުރާ މޮޑެލްގައި ކެމެރާ ނުހިމަނަން ނިންމާފައިވަނީ ޕްރައިވެސީއާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް ބްލޫމްބާގުން ރިޕޯޓުކޮށްފައިވެއެވެ.
މިހާރު ބޭނުންކުރަމުން އަންނަ ސްމާޓް އައިނުގައި މަންޒަރު ރެކޯޑުކުރާއިރު ދިއްލޭ ކުޑަ ލައިޓެއް ހުރި ނަމަވެސް، އެއީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ނޫން ކަމަށް ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ މީހުންނަށް ނޭނގި ސިއްރުން މަންޒަރާއި އަޑު ރެކޯޑުކުރުމުގެ ފުރުސަތު މި އައިނުގެ ސަބަބުން ބޮޑުވުމެވެ. މީގެ އިތުރުން، ކެމެރާ ވެއްދުން މަނާ ތަންތަން ކަމަށްވާ ސްކޫލްތަކާއި، ސަލާމަތީ ގޮތުން ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށް، ކެމެރާ ހިމެނޭ ސްމާޓް އައިނު ބޭނުންކުރުމަށް ހުރަސްތަކަކާ ކުރިމަތިވެއެވެ.
އެހެންކަމުން، ކެމެރާ ނުހިމެނޭ މޮޑެލެއް ނެރުމަކީ މިފަދަ މާހައުލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މެޓާއިން ކުރާ ކަމެއް ކަމަށް ބްލޫމްބާގުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި އާ މޮޑެލްގައި ކެމެރާ ނުހިމެނުނު ކަމުގައިވިޔަސް، އޯޑިއޯ އަޑުއެހުމާއި، މެޓާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް މައުލޫމާތު ހޯދުން ފަދަ ފީޗާތައް ހިމެނޭނެ ކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.
ކެމެރާ ނުހިމެނޭ ސްމާޓް އައިނެއް ނެރެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މެޓާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި އައިނު ބާޒާރަށް ނެރޭނެ ވަކި ތާރީހެއްވެސް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މެޓާ
މެޓާ
މެޓާ
މެޓާ
ކޮމެންޓް