ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދުއާ ދެކޮޅަށް އެރަށުގައި ކުޅުނު މެޗުން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައްދޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ޓީސީން ގައްދޫ ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތްއިރު ޓީސީއާއި ގައްދޫވެސް އޮތީ ކުރިން ކުޅުނު މެޗުން ބަލިވެފައެވެ. ގައްދޫން އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ކައިރިން ބަލިވެފައި އޮތް އިރު، ޓީސީގެ ފުރަތަމަ މެޗުގައި ބަލިވެފައި އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިންނެވެ.

މެޗުގެ ކުރީކޮޅުގައި ޓީސީން ވަނީ ގައްދޫ ކޮޅަށް ގޯލް ޖަހައިފައެވެ. މެދުތެރެއިން މަތިމަތިން ދުއްވާލި ބޯޅައެއްގެ ކޮންޓްރޯލް ހޯދުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފަސޭހަކަމާއެކު ގޯލަށް ބޯޅަ އަމާޒުކޮށްލައިގެން އެ ގޯލް ޖަހައިދިނީ މަހުމޫދު އަޝްރަފް މަހުމޫދު މުސްތަފާއެވެ. އެ ގޯލާއެކު ޓީސީން ވަނީ ކުރީކޮޅުގައި އިތުރު ދެ ގޯލްވެސް ޖަހައިފައެވެ.

އެގޮތުން، 12 ވަނަ މިނެޓުގައި އަޝްރަފްގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އެ ގޯލް އޭނާ ޖެހީ އަރިމަތިން އައިހަމް ހަމްދޫން ދުއްވާލި ބޯޅަ ކީޕަރު ބޯމަތިން ގޯލަށް ވައްދާލައިގެންނެވެ. ބޯ ވާރޭގައި ކުޅެމުންދިޔަ މެޗުގައި ޓީސީން ތިންވަނަ ގޯލް ފެނުނީ 21 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އެ ގޯލް ޖަހައިދިނީ ޖޯސޭ މަގްސަން ބެޒޭރާ ޑައުރާޑޯއެވެ.

ހާފު ނިމުމުގެ ކުރިން ގައްދުއަށްވެސް ލިބުނު ޕެނަލްޓީއެއްގައި ގޯލް ޖެހިއެވެ. ހާފުގެ އެންމެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް އެ ގޯލް ޖަހައިދިނީ އުރޯސް ޖެމޮވިޗެވެ.

ދެވަނަ ހާފުގައި ގައްދޫން ކުޅުން ރަނގަޅުކޮށް، 85 ވަނަ މިނެޓުގައި އިތުރު ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ އެމަނުއެލް އޮލުބެންގާ މަކިންޑޭ ޖެހި ގޯލެކެވެ. އެ ގޯލް އޭނާ ޖެހީ ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައެވެ. ޑޮނާލިއޯ މެލާޝިއޯ ފޮނުވާލި ހަމަލާ ޓީސީ ކީޕަރު ޑެނިއެލް އެމަނުއެލް މަތަކުރި ނަމަވެސް މަކިންޑޭ ވަނީ ކީޕަރު ކައިރީ ހުރެ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފައެވެ.

އެ ގޯލާއެކު ގައްދޫން ހިތްވަރާއެކު ކުޅެމުން ފަހު ވަގުތަށް ދިޔަ ނަމަވެސް، އެންމެ ފަހުމިނެޓުގައި ޓީސީގެ މާޔިޒް ވަނީ ގޯލް ޖަހައި އެޓީމަށް މޮޅު ޔަގީން ކޮށްދީފައެވެ. އެއީ ގައްދޫ ކީޕަރު އަތުން ހެދުނު ގޯހަކުން ލިބުނު ބޯޅައެއްގައި އޭނާ ޖެހި ގޯލެކެވެ.