ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ހއ. ދިއްދޫ ފުޓުބޯޅަ ޓީމު ކައިރިން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ވިކްޓްރީން ދިއްދޫ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވިކްޓްރީން ފުރަތަމަ ތިން ގޯލް ޖެހި ނަމަވެސް ދިއްދޫން ވަނީ ފަހަތުން އަރައި މެޗު އެއްވަރު ކޮށްފައެވެ. ވިކްޓްރީން އެޓީމުގެ ހަތަރުވަނަ ގޯލް ޖަހައި މެޗުން މޮޅުވީ އޭގެފަހުންނެވެ.

މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައި، ތަމްރީނު ކޭމްޕަކަށްވެސް ފަހު ސީޒަނަށް ނުކުތް ވިކްޓްރީން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކައިރިން މޮޅުވެފައި އޮތީ 5-1 އިންނެވެ. އަނެއްކޮޅުން ނުކުތް ދިއްދުއަކީ ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު ކުޅޭ އަތޮޅު ތެރޭގެ ދެޓީމުގެ ތެރެއިން އެއް ޓީމެވެ. އެޓީމަކީ ނޯތު ރީޖަން ލީގު ކާމިޔާބުކޮށް، ކޮލިފިކޭޝަނުންވެސް ސަލާމަތްވެގެން ޕްރިމިއާ ލީގަށް އަލަށް ކޮލިފައިވި ޓީމެކެވެ. ދިއްދޫން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ބަލިކުރީ 1-0 އިންނެވެ.

މިއަދުގެ މެޗަށްވެސް ވިކްޓްރީން ނުކުތީ ކީޕަރު މުހައްމަދު ޔާމީނާއެކުގައެވެ. އެޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް ލިބިފައިވާ އަނިޔާއަކީ އަތުގެ "ހެއާލައިން ފްރެކްޗާ"އެއް ކަން މެޗުގެ ކުރިން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ޔަގީން ކޮށްދީފައެވެ.

ވަރުގަދަކޮށް ފެށި ވިކްޓްރީގެ ނާއިޒް ހަސަން (ދާދު) ކުރީކޮޅުގައި ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލި ނަމަވެސް، ލައިންސްމަން އޮތީ އޭރު އޮފްސައިޑަށް ދިދަ ނަގައިފައެވެ. އޭގެފަހުން ވިކްޓްރީއަށްވެސް ހަމަލާއެއް އުފައްދަން އުނދަގޫތަކަކާ ދިމާވެފައިވާ އިރު، 29 ވަނަ މިނެޓުގައި ވިކްޓްރީ ލީޑު ނެގީ އަހުމަދު ރިޒުވާން (ރިޒޭ)ގެ ތަފާތު ގޯލަކުންނެވެ. ވިކްޓްރީން އަރިމައްޗަށް ކުރިއަށް ދުއްވާލި ބޯޅަ ސާފުކޮށްލަން ނުކުމެ، ދިއްދޫގެ ކީޕަރު މުހައްމަދު ޝިފާން ކުރިއަށް ސާފުކޮށްލި ބޯޅަ ރިޒޭ ހާފުގެ މެދެއްހާ ހިސާބުން، އަރިމަތީ ރޮނގު ކައިރިން ވައްދާލީ ގޯލްގެ ތެރެއަށެވެ.

އޭގެ އިރުކޮޅެއް ފަހުން 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރިޒޭ ޖައްސާލި ބޯޅަ ނާއިޒް ހަސަން (ދާދު) ވަނީ ގޯލް ތެރެއަށް އަމާޒުކޮށްލައިފައެވެ. އެ ގޯލް ވަނީ ދިއްދޫ ކީޕަރު ޝިފާން އަތުގައި ޖެހިފައި މަޑުމަޑުން ގޮހެވެ.

ވިކްޓްރީން ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. މެދުތެރެއިން ދުއްވާލި ބޯޅަ، ގެރޯ އަލް ހާޖީ ޑަމީއަކަށް ދޫކޮށްލުމުން ރިޒޭއަށް ލިބުމާއެކު، އޭނާ ގޯލް ތެރެއަށް ބޯޅަ ވައްދާލީ ކީޕަރު ޝިފާން ނައްޓާލުމަށްފަހުއެވެ.

ދެވަނަ ހާފަށް ދިއްދޫ ނުކުތީ ތަފާތު ރޫހެއްގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ދިއްދޫން ފުރަތަމަ ގޯލެއް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ޓެޓޭ ގިޑިއޯންއެވެ. އެއީ އޭރިއާ ތެރެއިން ވިކްޓްރީގެ ކޮލްމަޓޯވް އުގްލީ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެއްގައި އޭނާ ޖެހި ގޯލެކެވެ. އޭގެފަހުން ރަނގަޅު ހިތްވަރާއެކު ކުޅެމުންދިޔަ ދިއްދޫން މެޗުގެ 63 ވަނަ މިނެޓުގައި އިތުރު ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ހުސައިން ޒިމްޔާނެވެ.

ބަދަލަކަށް ނުކުތް ޒިމްޔާން އެ ގޯލް ޖެހީ ކީޕަރު ޔާމިން އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

އެ ގޯލާއެކު އިތުރަށް ހިތްވަރުކޮށް ދިއްދޫ މެޗު އެއްވަރުކުރީ 83 ވަނަ މިނެޓުގައެވެ. އެއީ ޓެޓޭ ދުރުން ފޮނުވާލި ބޯޅަ ގޯލަށް އޮއްސާލައިގެން ކާމިޔާބުކުރި ގޯލެކެެވެ. އެ ގޯލާއެކު ދިއްދޫން ވަރަށް ބޮޑަށް އުފާފާޅުކުރި ނަމަވެސް 85 ވަނަ މިނެޓުގައި ވިކްޓްރީން އަލުން ލީޑު ނެގިއެވެ. އަރިމަތިން ނެގި ބޯޅަ ގޯލަށް ވަނީ ދިއްދޫގެ އާދަމް ނަސީމް ފައިގައި ޖެހިފައެވެ.