ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބުވި ނަމަވެސް، ޕާޓީގެ ހުރިހާ މެންބަރުންގެވެސް އެންމެ އިސް އަމާޒަކަށް ވާންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ވަނަ ދައުރަކަށް ހޮވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ސެނެޓުގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ހާއްސަ ކޮންގްރެސްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވާދަވެރި އިންތިހާބަކުން ބަލިވުމުން ހިތްނުތަނަވަސްވުމަކީ އިންސާނީ ތޮބީއަތުގައި ވާ ކަމެއް ނަމަވެސް، ކާމިޔާބީގެ ފެށުމަކީ ނާކާމިޔާބީކަމަށް ބަލައިގެން ކުރިއަށް ދިއުމަކީ ބުއްދިވެރިންގެ ސިފައެއް ކަމަށެވެ.

އެހެންކަމުން މިއަދުގެ ނަތީޖާއިން މާޔޫސްނުވެ، ގައުމީ މަސްލަހަތު އިސްކޮށް 2028 ގެ އަމާޒަށް މަސައްކަތް ކުރުމަށް އަތުކުރި އޮޅާލަންޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެ އަމާޒަށް ކުރާ ދަތުރުގައި އަޅުގަނޑުމެންގެ މިސްރާބު އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްގެން ނުވާނެ. އަޅުގަނޑުމެން ވާން ވާނީ ކާމިޔާބީގެ ވަގުތާއި ނާކާމިޔާބީގެ ވަގުތުގައި ވެސް ހިތްވަރުކުރާ، ހިތްވަރު ގަދަ، އެކުވެރި، އެއްބައިވަންތަ ބަޔަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕާޓީން ފަށާފައިވާ ސިޔާސީ ދަތުރުގެ ހަގީގީ ހިތްހަމަޖެހުމާއި ކާމިޔާބީ ގުޅިފައިވަނީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ އަމާޒު ހާސިލު ނުވެއްޖެ ނަމަ، ކުރިމަތިލާން ޖެހޭނީ ހިތާމައާއި މޮޅިވެރިކަމާ ކަމަށް ފާހަގަކުރައްވައި، މިއަދުގެ އިންތިހާބަކީ ބައިބައިވުމެއް ނެތް ފަހުރުވެރި ކާމިޔާބީއަކަށް ހެދުމަށް އެދިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު ގައުމުގެ ހަމަޖެހުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސާބިތުވެ ތިބުމުން ފާގަތި މުސްތަގުބަލެއް ލިބޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.