ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ފަސޭހަ މެޗެއް ނެތް ކަމަށާއި، ހއ. ދިއްދޫގެ ފުރަތަމަ މެޗަށް ތައުރީފު ހައްގު ކަމަށް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިއަހަރުވެސް 10 ޓީމު ވާދަކުރާ އިރު، އޭގެ ތެރެއިން ދެ ޓީމަކީ ނޯތު ލީގުގެ ޗެމްޕިއަން ދިއްދުއާއި ސައުތު ލީގުގެ ޗެމްޕިއަން ގދ. ގައްދުއެވެ. އޭގެ ތެރެއިން ދިއްދޫ ލީގު ފެށީ ވަރުގަދަ މެޗަކުންނެވެ. ދިއްދޫން ވަނީ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކްލަބު ކައިރިން 1-0 އިން މޮޅުވެފައެވެ. އެޓީމުން މިރޭ ނުކުންނާނީ ވަރުގަދަ ވިކްޓްރީއާ ދެކޮޅަށެވެ.

"ކުޅުންތެރިން ތިބީ ފިޓްކޮށް، ކީޕަރު ފިޔަވާ. އަލްހަމްދުﷲ ކުޅުންތެރިން ތިބީ މެޗު ކާމިޔާބުވާނެކަމުގެ އުންމީދުގައި. މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. އެންމެފަހުން ބުރު ކައިރިން ދިއްދޫ ދެއްކި ކުޅުމަށް ބަލާފައި މެޗު ފަސޭހަ ނުވާނެކަން އެނގޭ. ދިއްދޫ ޓީމު ފެނުނީ ވަރަށް ރަނގަޅަށް. މަސައްކަތުގެ ރޭޓް، ފިޓްނަސް އަދި ކޮލިޓީވެސް ފެނުނު. އެހެންވީމަ އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ. މިފަހަރު މި ސީޒަނުގައި ފަސޭހަ މެޗެއް ފެނިގެންދާނެހެން ހީޔެއް ނުވޭ. މެޗުގެ ފަހުކޮޅުގައި ގޯލް ޖަހައި ފަރަގު ބޮޑު މެޗެއް އައި ނަމަވެސް މެޗުތައް ހަމަ އުނދަގޫވާނެ. ކުޅުންތެރިންގެ ފޯކަސް ރަނގަޅުކުރަން އެބަޖެހޭ،" މޯހަން ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

މޯހަން ބުނީ ދިއްދޫގެ ކޮލިޓީ ފުރަތަމަ މެޗުވެސް ފެނުނު ކަމަށާއި، ދިއްދޫ ފަސޭހަ ނުވާނެކަން ޔަގީންވެއްޖެ ކަމަށެވެ.

ދިއްދޫގެ ކޮންފިޑެންސް ރަނގަޅުވާނެ. އެއީ ސީޒަންގެ މިހާތަނަށް ދެއްކި ކުޅުމަށްބަލާއިރު ބުރަކީ އާދައިގެ، ނޫނީ ބަލި ޓީމެކޭ ބުނެވޭކަށް ނެތް. އަދި މޮޅެއް ނުހޯދުނަސް ރާއްޖޭގެ ޓޮޕް ކްލަބުތަކާ ދެކޮޅަށް ރަނގަޅަށް ވާދަވެރިކޮށް ކުޅެމުން އަންނަ ޓީމެއް ބުރަކީ. އެހެންވީމަ ބުރު ބަލިކުރި ހިސާބުން ދިއްދޫގެ ކޮލިޓީ ފެނިގެން ހިނގައްޖެ. ދިއްދޫ ފަސޭހަ ނުވާނެކަން އެނގިގެން ހިނގައްޖެ. ވިކްޓްރީ މެޗަށް ނުކުންނައިރު ދިއްދޫ އޮންނާނީ ގަލޮޅު ދަނޑުގައި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުވެ، އެ އިތުބާރާއެކު، އެހެންވީމަ އެއީ އަޅުގަނޑުމެންނަށް ޕްރެޝަރު ބޮޑުވާނެ ކަމެއް،" މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ ދިއްދޫން ހަމައެކަނި މެޗު ކާމިޔާބުކުރީ އެކަންޏެއް ނޫން ކަމަށާއި، ކީޕަރުން ފެށިގެން ކޮންމެ ކުޅުންތެރިޔަކުވެސް އިންޑިވިޖުއަލީ މޮޅަށް ކުޅެ، އެޓޭކިން ވަރުގަދަ ގޭމެއް ކުޅުނު ކަމަށެވެ.

މޯހަން ބުނީ އެޓީމުގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް ލިބިފައިވާ އަނިޔާއަކީ އަތުގެ "ހެއާލައިން ފްރެކްޗާ"އެއް ކަމަށެވެ. އެހެން ނަމަވެސް އެކަމުން ކަންބޮޑުވުމެއް ނެތް ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ޗެކް އަދި މިހާރު ގޯލް ބަލަހައްޓާ މުހައްމަދު ޔާމީނަކީވެސް އޭނާ އިތުބާރު ކުރާ ދެ ކީޕަރުން ކަމަށާއި، އެ ދެކީޕަރުންގެ ތެރެއިން އޭނާ އެއްވަނަ ކީޕަރެއް ވަކި ހާއްސަކޮށްފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް އިރެއްގައި ބޭރު ކީޕަރެެއް ގެންނަން ނުވިސްނާ ކަމަށްވެސް މޯހަން ބުންޏެވެ.

މިފަހަރު އެންމެ ވަރުގަދައަށް ތައްޔާރުވި އެއް ޓީމަކަށް ވިކްޓްރީވާ އިރު، ލީގު ރޭހަށް އަދި ނުވިސްނާ ކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ އަދި އޮތީ މެޗަކަށްފަހު މެޗަކަށް ވިސްނުމުގެ ހިޔާލު ކަމަށެވެ.

ދިއްދުއާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.