ދިވެހި ޕްރިމިއާ ލީގުގެ ހޯމް އެންޑް އަވޭ ސިސްޓަމުގެ ޕްރެޝަރެއް އަދި ނާންނަ ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު، މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގެ ސީޒަނުގައި މިފަހަރު ދެރަށެއްގެ ޓީމު ވާދަކުރެއެވެ. އެއީ، ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫގެ އިތުރުން ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދުއެވެ. މި ދެޓީމުގެ ހޯމް މެޗުތައް ކުޅެނީ އެ ރަށުގައެވެ. ގައްދޫން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެ، 2-0 އިން ވަނީ ބަލިވެފައިވާ އިރު، މިއަދު އެޓީމުން ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.
ޓީސީން ފުރަތަމަ ކުޅުނު މެޗުގައި ވިކްޓްރީ ކައިރިން 5-1 އިން ބަލިވެފައިވާ އިރު، މިއަދުގެ މެޗަކީ އެޓީމަށް މާލޭން ބޭރުގައި ކުޅެން ޖެހޭ ފުރަތަމަ މެޗެވެ.
"ފުރަތަމަ ބުނެލަން ބޭނުންވަނީ ޕްރިމިއާ ލީގު މިހާރު ބައްޓަން ކުރެވިފައި އޮތް ގޮތުން، ރާއްޖޭގެ ކޮންމެ ބަޔަކަށްވެސް ފުރަތަމަ ޑިވިޝަނަށް ދެވޭނެ ގޮތަށް އޮތުމުން ވަކި ބަޔަކަށް އިނގިލި ދިއްކުރުން ކުޑަވެފަ މިއޮތީ. ކޮންމެ ގޮތެއްވިޔަސް އަދި އަހަރެމެން މިތިބީ ސެމީ ޕްރޯގައި. އަދި ހޯމް އެންޑް އަވޭގެ އެޑްވާންޓޭޖް ނޫނީ ޑިސްއެޑްވާންޓޭޖެއް މެންޓަލީ ނާންނާނެ. އެކަމަކު ދެން ދަނޑުގެ ތަފާތު އެބަ އާދޭ. އެކަމަކު މެންޓަލީ އެ ޕްރެޝަރު ވެގެން އުޅޭހެން ހީއެއް ނުވޭ. ހޯމްގައި ކުޅޭއިރު ދެން ސަޕޯޓަރުން ތިބުން އެއީ ފައިދާއެއް،" އާތީ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
އާތީ ބުނީ ވިކްޓަރީ މެޗު އެއީ މިހާރު މާޒީ ކަމަށާއި މިއަދުގެ މެޗަށް އޭގެ ސަބަބުން ކުރާނެ މާ ބޮޑު އަސަރެއް ނެތް ކަމަށެވެ. އަދި ގައްދޫގެ ކޯޗު މުހައްމަދު ނަޒީހް، ޓީސީ ކައިރިން ތިން ޕޮއިންޓް ނަގަން ނުކުންނާނެ ކަމަށް ބުނި ބުނުމަށް އިހުތިރާމް ކުރާ ކަމަށްވެސް އާތީ ބުންޏެވެ.
"ކޯޗެއްގެ އިންނަން ޖެހޭނެ ކޮންފިޑެންސަކާ ހަމަ މޮޅުވާނެ ކަމުގެ އުންމީދެއް. އެހެންވީމަ، އެ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން. އަހަރެން ވެސް ކޯޗެއްގެ ހައިސިއްޔަތުން ނުކުންނާނީ މެޗު ނެގޭތޯ. ދެން، އެ ޓީމެއްގައި އެ އިންނަ ކޮންފިޑެންސާ އެއްޗެހި، އެއީ އެ ޓީމެއްގެ ކަމެއްތާ. އެހެންވީމަ އެ އަކަށް އެއްވެސް ޗެލެންޖެއް ނެތްހަމަ. 50/50 މެޗެއް ހަަމަ. ކުޅެގެން މޮޅުވާންވީ ގައްދޫ ވެސް ޓީސީ ވެސް. ޕްލޭޔަރުން އެދުވަހަަކަށް ފޯކަސް ކޮށްފައި އިންނަވަރެއް މި އިންނަނީ. އެއަށް ރެސްޕެކްޓް ކުރަން ހަމަ،" އާތީ ބުންޏެވެ.
އާތީ ބުނީ ގައްދުއަށް ދިޔަ ހިސާބުންވެސް އެއްވެސް ވަރަަކަށް އަވޭގެ ފީލްއެއް ނެތް ކަމަށާއި، އިންތިޒާމުތައް ފުރިހަމަ ކަމަށެވެ. އަދި ހުރިހާ ކަމެއްވެސް ފުރިހަމަ ކަމަށް އޭނާ ފާހަގަކޮށް އެ އިންތިޒާމުތަކަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް