ރާއްޖެއަށް ބޭނުންވާ ތަރައްގީއާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ. އެގޮތުން 2023 ގެ އިންތިހާބަށްވުރެވެސް ފަސޭހަކަމާއެކު ދެވަނަ ދައުރު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ސަފުތައް ބަދަހިކޮށް، މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރުގަދައަށް ކުރިއަށް ގެންދަންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަދި ކިރިޔާ ފެށުނީ. އަޅުގަނޑުމެން އަމާޒުހިފާންވީ 2023ގެ އިންތިހާބު ކާމިޔާބުކުރި ގޮތަށް ވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން. ރާއްޖޭގެ ތަރައްގޫއާއި ކުރިއެރުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ ދިވެހިންގެ ކަންކަން ނިންމަނީ ދިވެހިންކަމަށް ހެދުމަށާ، ދިވެހިންހެ ފުދުންތެރިކުރުމަށް. ފިތުނަވެރިކަމާ އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް މުއިޒަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ، އަމާނާތްތެރި ލީޑަރެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ، 2019 ގައި އެންމެ 3،000 މެންބަރުންނާއެކު ފެށި ޕީއެންސީގެ މެންބަރުންގެ އަދަދު، ކުރު މުއްދަތެއްގެ ތެރޭގައި 80،000 އާ ގާތްކޮށްފައިވަނީ ދިވެހި ރައްޔިތުންނާއި ގައުމު އިސްކުރުމުގެ ސިޔާސަތު ޕީއެންސީން ގެންގުޅޭތީ ކަމަށެވެ.