އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 19:10 އެހާކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހުމުންވެސް މަޑުނުކޮށް ގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ނެސްޓް / ލ.ކަލައިދޫ، އުފްރާން ހާލިދު (26އ) އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.