ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް 29 މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން މާލެ ސަރަހައްދުގައި މަސައްކަތްކުރުމަށް ހުޅުވާލި ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ ވަޒީފާގެ މުސާރައަކީ 17،175 ރުފިޔާއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ނިންމާފައިވާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އިސްކޮޅުގެ ގޮތުން ފިރިހެނަކު ނަމަ ފަސް ފޫޓު ތިން އިންޗި، އަދި އަންހެނަކު ނަމަ ފަސް ފޫޓު ހަމަވާން ޖެހޭނެއެވެ. މީގެ އިތުރުން، ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައި ނުވުމާއި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއްގެ ހުކުމެއް ތަންފީޒުކޮށްފައި ނުވުމަކީ ވެސް ޝަރުތެކެވެ. އަދި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން ހިމެނެއެވެ. އަދި މެޑިކަލް އެގްޒަމިނޭޝަނާއި، ޕޮލިގްރަފީ ޓެސްޓުގެ އިތުރުން އިންޓަވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާން ޖެހޭނެއެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި އެސެސްމަންޓްތަކުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމުގެ އިތުރުން، ތައުލީމީ ސެޓްފިކެޓްތަކާއި އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. ފޯމުތައް ބަލައިގަންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން، ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނުންނެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.