ގައުމުގައި ބައިބައިވުން އުފައްދަން ފުރުސަތު ނުދިނުމަށް، ވެރިކަން ކުރާ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާއެކު އެ ޕާޓީގެ މަތީ މަޖިލިސް (ކޮންގްރެސް) ފައްޓަވައިދެއްވައިފިއެވެ.
މަތީ މަޖިލިސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ބައްދަލުވުމަކީ ޕާޓީގެ ކުރިމަގު ބައްޓަންކޮށް ޕާޓީގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ މިންވަރުގައި ކަންކަން ފޯރުކޮށްދިނުމާއި، ގައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކަންކަން ކުރުމުގައި ޕާޓީގެ ދައުރު ފުޅާކޮށް، އިތުރުކޮށް، ޕާޓީގެ ހުރިހާ ގުނަވަންތަކެއް އެކުގައި މަސައްކަތްކޮށް، ހުރިހާ މެންބަރުން އެކުގައި އެއްރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމުގައި އެންމެ ބައިވެރިވާ ބައްދަލުވުމެއް ކަމަށެވެ.
"އެއް ރޫހެއްގައި އެއް އާއިލާއެއްގެ ގޮތުގައި، އެއްޓީމެއްގެ ގޮތުގައި، ވަރުގަދަ ރޫހެއްގައި އަޅުގަނޑުމެން އެންމެން ގައުމީ މަސްލަހަތު އިސްކޮށް ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ، އެންމެ ފުރަތަމަ ގައުމު އެއީ ޝިއާރުކަން ހަނދާނުގައި ބަހައްޓައި ގައުމުގެ ކުރިމަގަށްޓަަކައި ޕާޓީގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ވަރަށް ލާމަސީލު މިސާލެއް ދައްކައި ރާއްޖޭގެ ސިޔާސީ މައިދާން މިހާރު އޮތް ހާލަތުން ފުރިހަމަ ހާލަތަަކަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަމުގައި މިސާލު ދައްކާނެކަން އަޅުގަނޑު ޔަގީންކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީ ކުރިއަރާފައިވާ މިންވަރު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޕާޓީގެ މެންބަޝިޕް އޮތީ، 3000 މެންބަރުންނައެކުގައި ނަމަވެސް މިއަދު ޕާޓީގެ މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށް ބޮޑު ޕާޓީއަކަށް ވެފައިވާ ކަމަށެވެ.
އެކަމުގައި މަސައްކަތްކޮށްދެއްވި އެންމެނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކަން ކަމަށެވެ.
"ޕާޓީގެ ސިޔާސަތުގެ މި ހުރި ހުރިހާކަމެއް، ސަރުކާރުން ރިޔަސީ އިންތިހާބުގައި އަޅުގަނޑުގެ މެނިފެސްޓޯ އާއި ސަރުކާރު ސިޔާސަތުތަކާއި ހުރިހާކަމެއް ގުޅި ލާމެހެނީ މި ތިން ކަންތަކާއެކު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކަންތައްތައް ކިޔައިދީ ސިޔާސަތުތައް އޮޅުންފިލުވައިދިނުމުގައިވެސް ފަލްސަފާއަކީ ގައުމަށް ހަމަޖެހުން ގެނައުމާއި ގައުމަށް ތަރައްގީ ގެނައުމާއި ގައުމަށް ރައްކާތެރިކަން ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕީއެންސިއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށާއި، އިސްކުރަނީ ގައުމު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް އަމިއްލަ ވަކި ބޭފުޅެއް، ވަކި މީހެއްގެ މަސްލަހަތެއް ނޫން އިސްކުރަނީ. އަޅުގަނޑުމެން އިސްކުރަނީ ގައުުމު، ގައުމިއްޔަތު، ދީނާއި އަޅުގަނޑުމެންގެ ސަގާފަތާއި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން، އެހެންވީމާ އަޅުގަނޑުމެންގެ ސިޔާސަތަކީ ހާރިޖީ ގޮތުންވެސް ދިވެހި ރާއްޖެ އިސްކުރުން ފުރަތަމަ، އެންމެ ފުރަތަމަ ގައުމު އިސްކޮށް ގައުމަށް ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ގެނެސްދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، އެ ގޮތުގައި ވަރަށް ބަދަހި ގުޅުމަކާއެކީގައި، ވަރައް އުފަލާއެކު، ވަރަށް އެކުވެރިކަމާއެކުގައި ކުރިއަށް ގޮސް ކޮންގްރެސްގެ ކަންތައްތަކުގައިވެސް އެކުވެރިކަން އިސްކުރަންޖެހޭ ކަމަށެވެ.
"އެކުވެރިކަމަކީ ހަމަ ޔަގީނުންވެސް ގަދަ ފަދަ ބާރެއް އަޅުގަނޑުމެން އިސްކުރަންޖެހޭނީ އެކުވެރިކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭނެ އަބަދުވެސް ހަގީގަތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ޒިންމާދާރުކަން ކުޑަކޮށް، އެއްވެސް އިމެއްނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކަންތައްތައް ކުރާތަން ފެންނަކަން ފާހަގަކުރައްވައި، ރައީސް ވަނީ ޕާޓީތެރެއަށް އެފަދަ ހަމަނުޖެހުންތައް ވަނުމުގެ ފުރުސަތު ނުދިނުމަށް އިލްތިމާސްކުރައްވައިފައެވެ.
"ވަރަށްވެސް ޒިންމަދާރުކަން ކުޑަ ގޮތެއްގައި އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކި ކަހަލަ ކަންކަމުގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންތައްތައް ކުރާތަން ފެނޭ، އެކަހަލަ އެއްވެސް ކަންކަމަކަށް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއަށް ފުރުސަތު ދީގެންނުވާނެ ކަންތައްތައް ވެއްދުމަކަށް، އެއީ އަަޅުގަނޑުމެންގެ މިއޮތީ ވަރަށް ސާފު އެޖެންޑާއެއް، އެންމެ ފުރަތަަ ގައުމު، ގައުމަށް ހެވާއި ލާބަ، ގައުމަށް ހަމަޖެހުން، ގައުމަށް ރައްކާތެރިކަން، ގައުމަށް ތަރައްގީ، އިތުރު ވާހަކައެއް އަޅުގަނޑުމެންގެ ނެތް. އެއީ ޕީއެންސީއަކީ، އެއީ އަޅުގަނޑުމެންގެ ފިކުރަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
މިހާ މޫސުން ގޯސް ދުވަސްވަރެއްގައި، އަދި ސްކޫލް ޗުއްޓީގައި އާއިލާއާއެކު ހޭދަކުރަން ލިބުނު ވަގުތުކޮޅު ގުރުބާންކުރައްވައި ޕާޓީގެ އާއްމު މެންބަރުންގެ ފަރާތުން އިހުލާސްތެރިކަމާއެކު ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވުމަށް ވަޑައިގެންނެވި އެންމެހާ މެންބަރުންނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕީއެންސީގެ ކޮންގްރެސްގައި 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް ޒަކީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް