ވާދަވެރި ސިޔާސީ ފަރާތްތަކުން ދަނީ ގައުމަށްވުރެ ބޮޑަށް ސިޔާސީ ފައިދާ އިސްކުރަމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ މަޒީގެ ލިބިދޭ ތަޖުރިބާއަކީ ޕީއެންސީގެ ފިކުރު ނޫން ބަޔަކަށް ވެރިކަން ލިބުނު ކޮންމެ ފަހަރަކު މި ގައުމު ފަނާވެގެން ދިޔުން ކަމަށެވެ. ގައުމަށް ފައިދާހުރި ގޮތަކީ ޕީއެންސީއާއެކު ކުރިއަށްދިއުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ކޮންމެ ދުވަހަކުވެސް ހިޔާރު ކުރާނީ ރައްޔިތުންގެ ފަޅިކަމަށާއި، ސަރުކާރު ހިންގާނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނީ ބިނާކުރުމުގެ ފިކުރުގައި އަދުލުވެރިކަމާ އެކު އިންސާފާ އެކު އިހްލާސްތެރިކަމާ އެކު އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް. އަޅުގަނޑުމެން ބޭނުން ވަނީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރަން،" ރައީސް ވިދާޅުވެފައިވެއެވެ.

"ފިކުރީގޮތުން ދިމާ އިދިކޮޅު ފަނާކުރުވަނިވި ފިކުރުން ގައުމު ހިންގި ކޮންމެފަހަރަކު އިސްކުރީ ގައުމެއް ނޫން. ބައެއް ފަހަރު ދީނާ ހިލާފުކަންކަން ހިނގާފައި އެބަހުރި. ސައްތަން ސައްތައިން ސައްތަ އިސްލާމް ދީނުގެ ދިފާއުގައި ދިވެހިން އެއްވާންޖެހުނީ ކަންތައްތަކެއްވީމަ."

ގައުމީ ލޯބީގައި ވާހަކަ ދެއްކޭނެ ހަމައެކަނި ޕާޓީއަކީ ޕީއެންސީކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ޕީއެންސީއަކީ ރައްޔިތުންނަށް ވައުދުވެ، އެ ވައުދުތައް ފުއްދާ ޕާޓީއެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ދަނީ ސަރަހައްދީ ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވަމުން ކަމަށާއި، ނަމަވެސް އަބަދުވެސް އިސްކުރާނީ ގައުމީ ފިކުރުކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕީއެންސީއާ ވާދަވެރި ފަރާތްތަކުގެ ވެރިކަމުގައި ރާއްޖެ ދަރުވާލުމުގެ އިތުރުން ގައުމުގެ ހަރުމުދާތައްވެސް ވިއްކާލާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖެ ދަރަނިން ސަލާމަތްކޮށް، ހަރުމުދާތައް އަނބުރާ ހޯދަންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އެންމެ ފުރަތަމަ ގައުމުގެ ވިންދު ހިތުގައި ޖަހާ މީހަކު ދިވެހިންގެ ހަރުމުދާތައް ދިވެހިންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ދޭނީ. އެއީ ޕީއެންސީގެ ފިކުރާއި އެހެން މީހުންނާ ތަފާތަކީ،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ މާޒީގެ އަބްތާލުން ޖިހާދުތައް ކުރީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށެވެ. އަބްތާލުން އެންމެ ފުރަތަމަ އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތެއް ނުވަތަ އާއިލާ އަދި ރަހުމަތްތެރިން ނޫންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ފަސޭހަކަމާއެކު ރާއްޖޭގައި އުޅެވެނީ އެ ބޭފުޅުން ގައުމު އިސްކުރުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވެފައިވއެވެ.