ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ ގެ ސްކޫލްތަކުގެ ގްރޭޑް 6 ގައި ކިޔަވާ ދަރިވަރުން ލެޕްޓޮޕް ބޭނުންކުރުން މަނާކޮށް، އޭގެ ބަދަލުގައި ޗާޕުކޮށްފައިވާ ފޮތްތައް ބޭނުންކުރަން އެ ގައުމުގެ ތައުލީމީ އިދާރާތަކުން އަންގައިފިއެވެ.

މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އުސޫލުގެ ދަށުން، ގްރޭޑް 6 ގެ ދަރިވަރުން ކްލާހުގައި ކިޔެވުމަށް ބޭނުންކުރާނީ ހަމައެކަނި ފޮތެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ފޮތްތަކެއް ސްކޫލްތަކުން ފޯރުކޮށްދޭނެ ކަމަށް ވެސް ތައުލީމީ އިދާރާތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްކޫލްގެ ސަރަހައްދުގައި ވީޕީއެން އެޕްލިކޭޝަންތަކާއި އަމިއްލަ ވާޗުއަލް ޕްލެޓްފޯމްތައް ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ. ސްކޫލްތަކުން ބެލެނިވެރިންނަށް ފޮނުވި ނޯޓިސްތަކުގައި ބުނެފައިވާ ގޮތުގައި، ސްކޫލްގެ ނެޓްވޯކް މެދުވެރިކޮށް ނުވަތަ ދަރިވަރުންގެ އަމިއްލަ ޑިވައިސްތަކުން ވެސް މިފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ސްކޫލްގެ ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އަންގާފައިވެއެވެ.

ތައުލީމީ އިދާރާތަކުން ބުނި ގޮތުގައި، މި ފިޔަވަޅުތައް އަޅާފައިވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކިޔެވުމުގެ މާހައުލު އިތުރަށް ހަރުދަނާކުރުމަށެވެ. މި އާ އުސޫލުތަކަށް ޔޫއޭއީގެ ސްކޫލްތަކުގައި މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.