ރާއްޖޭގެ ތަރައްގީގެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)އާ މަޝްވަރާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ބުނީ ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް-މަރްޝަދު މިއަދު ވަނީ މިނިސްޓަރު ހަސަން ޒަރީރުއާ ބައްދަލުކުރައްވާފައި ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖެއާއި ސައުދީ ފަންޑާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްކަމަށް ފިނޭންސުން ބުންޏެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ރަނގަޅުކުރުމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރުން ހިންގާ އުމްރާނީ މަޝްރޫއުތަކަށް އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޒަރީރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ފަންޑުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައިކަމަށް މިނިސްޓްރީން ބުންޏެވެ.
އެސްއެފްޑީން ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަން ދިނީ 1978 ވަނަ އަހަރު މާލޭ ވައިގެ ބަނދަރު ތަރައްގީކުރުމަށެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ 14 މަޝްރޫއަކަށް ޖުމްލަ 17 ލޯނު އެ ފަންޑުން ވަނީ ދޫކޮށްފައެވެ. އެ އެހީތަކުގެ ޖުމްލަ އަގު 488 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ މައްޗެވެ.
މީގެ އިތުރުން، ދަތުރުފަތުރާއި، ސިއްހީ ހިދުމަތްތަކާއި، ބޯހިޔާވަހިކަން ފަދަ މުހިންމު ދާއިރާތަކަށް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ދީފައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމަށް ގާތްގަނޑަކަށް 217 މިލިއަން ޑޮލަރު އަދި ސިއްހީ ދާއިރާއަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.
އަދި ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ އެހީވެދީފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް