ކްރިޕްޓޯ ފަދަ ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސާދަށް ނުވަދެ ރާއްޖޭން ބޭރަށް ފައިސާ ދާގޮތަށް ހުރި ފުރުސަތުތައް ހައްލުކުރުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ އަގު މައްޗަށް ގޮސްފައިވާ މައްސަލަ ހައްލުކުރުމަށް، ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން، ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެސްގައި، ބައެއް ފަރާތްތަކުން ކްރިޕްޓޯ ކަރަންސީ ބޭނުންކުރަމުންދާ މައްސަލައިގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލުކުރެއްވީ، ޑޮލަރުގެ ކަޅު ބާޒާރު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ އިރު، ޑޮލަރުން ވިޔަފާރިއަށް މާރު ނުކުރެވޭތީ، ޑޮލަރު ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ކްރިޕްޓޯ ކަރަންސީން މުއާމަލާތްކުރަމުންދާ ކަމަށާއި، ބައެއް ވިޔަފާރިތަކަށް ޓޫރިސްޓުން ޔޫއެސް ޑޮލަރު ޓީޓީން ފައިސާ ދައްކަމުންދާ ކަމަށެވެ.

އެހެންކަމުން އެ ފައިސާއަކީ ރާއްޖޭގެ އިގުތިސާދަށް ނުވަދެ ސީދާ ރާއްޖެއިން ބޭރަށްދާ ފައިސާ ކަމަަށްވާތީ އެކަން ހުއްޓުވުމަށް އޮތީ ކޮން ޕްލޭނެއްތޯ، ނޫސްވެރިޔާ ސުވާލުކުރިއެވެ.

"ތި އިޝޫ އެބައާދޭ، އަޅުގަނޑުމެންގެ ލީގަލް ފްރޭމްވޯކް ފުރިހަަމަ ކުރުމުގެ މަސައްކަތް ކުރާއިރު އެމްއެމްއޭއާ މަޝްވަރާކޮށްގެން ގާނޫނަށް އެ އިސްލާހުތައް ގެނެވޭނެ،" ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ކުރަމުންގެންދާ ކަަމަށެވެ.

އެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ މަޝްވަރާކުރައްވާފައިވާ ކަަމަށާއި، އެ ކަންކަން ހައްލުކުރުމަށް ވަރަށް އަވަހަށް އިސްލާހު ގެނެވޭނެ ކަަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި އެފަދަ އިސްލާހުތައް މަޖިލީހަށް ހުށަހެޅޭވަރުވާނެ ކަަމަށްވެސް އުޝާމް ވިދާޅުވިއެެވެ.