ވެރިކަންކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު 79،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތަކުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފަލާހު ވިދާޅުވި ގޮތުގައި، އެ ޕާޓީން މިހާރު ދަނީ ރާއްޖޭގެ ތާރީހުގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންގްރެސްއަށް ތައްޔާރުވަމުންނެވެ. މި ތައްޔާރީތަކުގެ ތެރެއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ގާތްގަނޑަކަށް 1،200 އެއްހާ މަންދޫބުން ވަނީ މާލެއަށް ޖަމާވެފައެވެ.

އޭގެ ތެރޭގައި ޕާޓީގެ ލީޑާޝިޕާއި، ސްޓިއަރިން ކޮމިޓީތަކާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ޒުވާނުންގެ ގޮފިތަކުގެ ރައީސުން ހިމެނޭ ކަމަށާއި، އެ ފަރާތްތަކާއެކު ހާއްސަ ބައްދަލުވުންތަކެއް ކުރިއަށްދާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ޕާޓީއަށް ލިބެމުންދާ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޕީއެންސީގައި ތިބީ އެންމެ 3،000 މެންބަރުން ކަމަށެވެ. ނަމަވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށްފައިވުމަކީ، ރާއްޖޭގައި އެތައް ޒަމާނެއްވީ އެހެން އެއްވެސް ޕާޓީއަކަށް ހޯދިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާ ހަލުވި ދުވެއްޔެއްގައި ޕާޓީ ބޮޑުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ، ޕާޓީ ހިންގުމަށާއި ވަރުގަދަކުރުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި މިއީ ރައީސްގެ ސިޔާސަތުތަކަށާއި ފިކުރަށް ދިވެހި ރައްޔިތުން ކުރާ ތާއީދު ދައްކުވައިދޭ ވަރަށް ސާފު ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އެއްވެސް ޕާޓީއެއް ނުހިންގާހާ ރަނގަޅަށް މިހާރު ޕީއެންސީ އަތުރާލެވިފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ކޮންގްރެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށެވެ. އެ ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.