އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އާސެނަލުން ރޭ ކުޅުނު ލީގު މެޗުގައި ސަންޑަލޭންޑްވެސް ބަލިކޮށްފިއެވެ.
މިހާތަނަށް އާސެނަލުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާ އިރު، ރޭ ރަށުން ބޭރުގައި މޮޅުވީ 2-0 އިންނެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި އެޓީމު އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީވެސް ހުރިހާ މެޗަކުން މޮޅުވަމުންދާ އިރު، މިވަގުތު އެޓީމަށް ލިބިފައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓެވެ.
ސިޓީން މިރޭ ވާދަކުރަން ޖެހެނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ޑޮމިނޭޓް ކުރި ނަމަވެސް، ސަންޑަލޭންޑްގެ ޑިފެންސިވް ޑިސިޕްލިންނާއެކު ފުރުސަތުތައް ތަނަވަސްކުރި މިންވަރު މަދުކުރިއެވެ. އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ފުރަތަމަ ހާފުގައި ފެނުނީ، މެއަށް ވައްޓާލުމަށްފަހު އެނބުރި ވަގުތު ވޮލީއެއްގައި ކައި ހަވާޓްސް ފޮނުވާލި ހަމަލާއެވެ. އެ ބޯޅަ ޕަންޗުކޮށް ބޭރުކޮށްލީ ސަންޑަލޭންޑްގެ ކީޕަރު ރޮބިން ރޫފްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ހަވާޓްސްގެ ނުރައްކާތެރި ހަމަލާއެއް ސަންޑަލޭންޑްގެ ޑިފެންޑަރު ޑޭން ބަލާޑް ރޮނގުމަތިން ބޭރުކޮށްލި އިރު، 55 ވަނަ މިނެޓުގައި އެޒްރީ ކޮންސާ އޭރިއާ ތެރެއިން ބަލާޑަށް ކުރި ފައުލަކަށް ސަންޑަލޭންޑަށް ޕެނަލްޓީއެއް ލިބުނެވެ.
ސަންޑަލޭންޑްގެ އެންޒޯ ލެ ފީ ފޮނުވާލި ޕެނަލްޓީ ޑޭވިޑް ރާޔާ މަތަކުރުމާއެކު އެއީ އާސެނަލަށް ދިރުން ލިބުނު ހިސާބެވެ. އޭގެ 121 ސިކުންތު ފަހުން ބަދަލަކަށް ނުކުތް ބްރޫނޯ ގިމަރޭޝް ހިތްގައިމު ގޯލެއް ޖަހައި އާސެނަލަށް ލީޑު ނަގައިދިނެވެ.
މެޗުގެ ފަހުކޮޅުގައި ސަންޑަލޭންޑްގެ ރެއިނިލްޑޯއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކި އިރު، އެ ފައުލްގައި ޕެނަލްޓީއެއް ލިބުނެވެ. ބުކަޔޯ ސަކާ ވަނީ އެ ޕެނަލްޓީގައި އާސެނަލަށް ދެވަނަ ގޯލް ޖަހައިދީފައެވެ.
ރޭ ޕްރިމިއާ ލީގުގައި ޓޮޓެންހަމްއިން އެވަޓަންއާ ދެކޮޅަށް ކުޅުނު އިރު، އެ މެޗު ނިމުނީ 0-0 އިންނެވެ. ބޮޑު ހަރަދެއްކޮށް ސީޒަނަށް ތައްޔާރުވި ޓޮޓެންހަމްއަށް އަދި ލީގުގައި މޮޅެއް ހޯދިފައެއް ނުވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް