ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުވެ ލިންކް ރޯޑުގެ ހާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވުމާ ގުޅިގެން، ޒަރޫރީ ބޭނުންތަކަށް ނޫނީ އެމަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ، އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު ގޯސްވެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ބޭނުމަކަށް އެ މަގު ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން އަޑިގުޑަން ހެދިފައިވާ އެ މަގާއި ސިޓީގެ އެހެން މަގުތަކުގައި ދުއްވުމަށްވެސް ސަމާލުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ސްޕީޑު މަޑުކުރުމަށްވެސް ކައުންސިލުން އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތްތައް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހަލުވިކަމާއެކު ކުރިއަށްދާ އިރު، ފެން ހިންދުމަށް މަގުތަކުގައި އަޅާފައިވާ ހޮޅިތަކަށް ސަމާލުވުމަށްވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވާ ގޮތުގައި މިހާރުކުރަމުންދާ ވިއްސާރައިގައި އައްޑޫ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.